ރާއްޖޭގައި މަސްވެރިކަން ކުރާގޮތުގެ މައުލޫމާތު ހޯދުމަށް މެދުތެރޭ ޕެސިފިކު ކަނޑުގެ ޖަޒީރާ ގައުމެއްކަމަށްވާ ކިރިބަސްގެ ފިޝަރީޒް މިނިސްޓަރު ރިބަނަޓާކެ ތިވަލު ރާއްޖެ ވަޑައިގެންފިއެވެ.
ކިރިބަސްގެ ފިޝަރީޒް މިނިސްޓަރަށާއި އެވަފުދުގެ ފަރާތްތަކަށް ރާއްޖެއިން މަރުހަބާ ވިދާޅުވީ ރާއްޖޭގެ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.
ކިރިބަސްގެ ފިޝަރީޒް މިނިސްޓަރުގެ މި ދަތުރުފުޅުގައި ރާއްޖޭގައި މަސްވެރިކަން ކުރާ ގޮތް ބައްލަވައި މައުލޫމާތު ލިބިގަތުމުގެ އިތުރުން ކިރިބަސްގައި ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަން ފެއްޓުމަށްޓަކައި ކުރެވެންހުރި މަސައްކަތްތަކަކީ ކޮބައިކަމާއި ގުޅޭގޮތުންވެސް މަޝްވަރާތައްކުރައްވައި މައުލޫމާު ހޯއްދަވާނެއެވެ.
މީގެ އިތުރުން ރާއްޖޭގެ މަސް ޕްރޮސެސްކުރާ ފެސިލިޓީތަކަށް ޒިޔާރަތްކުރުމާއި ރާއްޖޭގައި އޮޑި ދޯނިފަހަރު ބަނުމުގެ އިންތިޒާމުތައް ކުރިއަށްދާ ގޮތް ބެއްލެވުމަށް ބޯޓްޔާޑްތަކަށްވެސް ވަފުދުން ޒިޔާރަތްކުރުމަށްވަނީ ނިންމާފައެވެ.
ރާއްޖޭގައި މަސްވެރިކަން ކުރާގޮތުގެ މައުލޫމާތު ހޯދުމަށް ކިރިބަސްގެ ފިޝަރީޒް މިނިސްޓަރު ރާއްޖެ ވަޑައިގަންނަވާފައިވާއިރު ރާއްޖޭގެ މަސްވެރިކަމަކީ ދުނިޔެ ބަލައިގެންފައިވާ މަސްވެރިކަމެކެވެ.
އަދި ރާއްޖެއިން ދަނީ މަސްވެރިކަން ކުރިއެރުވުމަށްވެސް ގިނަ މަސައްކަތްތަކެއްކޮށް ދުނިޔޭގެ ސަމާލުކަން އަތުލަމުންނެވެ.