އެއީ މީގެ 19 އަހަރު ކުރިއެވެ. 17 މާރިޗު 2004 ވީ ބުދަދުވަހުގެ ރޭ 8:30 ހާއިރު ގދ. ތިނަދުއަށް ނިސްބަތްވާ ނަން މަޝްހޫރު "އެނަމާ" ބޯޓު ބަންޑުންޖަހާލި ހާދިސާގެ ޚަބަރު ލިބުމުން މުޅި ތިނަދޫ ރުއިމުގެ އަޑުން ގުގުމާލިއިރު އެހިތާމައިގައި މުޅި ރާއްޖެވެސް ބައިވެރިވިއެވެ. އެއީ ރާއްޖޭގެ ފަހުގެ ތާރީހުގައި އެއްމެ ގިނަ އަދަދެއްގެ މީހުން މަރުވި އެއްމެ ހިތާމަވެރި ކަނޑުމަތީގެ ކާރިސާއެވެ.

ގއ. ވިލިނގިލިން ފުރައިގެން ގދ.ތިނަދުއަށް 122 މީހުންނާއެކު ދަތުރު ކުރަނިކޮށް ތިނަދޫ އެނަމާބޯޓު ބަންޑުން ޖަހާލައި، ޖުމްލަ 24 މީހުން މަރުވެ ދެ މީހަކު ގެއްލިފައިވެއެވެ. މަރުވި މީހުންގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރުން އޮތީ 19 މާރޗް 2004ވީ ހުކުރު ދުވަހު މުޅި ރާއްޖޭގެ ހުރިހާރަށެއްގައިވެސް ހުކުރުނަމާދަށް ފަހުއެވެ.

އެނަމާ ބޯޓު ބަންޑުންޖަހާލަން މެދުވެރިވީ، ބޯޓާ 40 ފޫޓު ދުރުން ދަތުރު ކުރަމުންދިޔަ 'އަރުތަ' ނަމަކަށް ކިޔާ ތިނަދޫ މަސްދޯންޏެއްގެ މޯހިރުން އުފެދުނު ރާޅުބާނީގެ ސަބަބުން ބޯޓު ދެފަރާތަށް ކިރިގެން ކަމަށް ބުނެވެއެވެ. އެރޭ ބޯޓު ދަތުރު ކުރަމުން ދިޔައިރު އޭގައި 88 ފުޅި ކައްކާ ގޭސް ހުސްކުރި ސިލިންޑަރާއި ހޮސްޕިޓަލުގެ މެޑްއޮކްސިޖަން ހުސްކުރި 10 ފުޅި ނޫން އެއްވެސް މުދަލެއް ބަރުކޮށްފައި ނެތެވެ.

ތާރީޚީ ލިޔުންތަކުގައިވާ ގޮތުން ނަމަ، މިކާރިސާ ހިނގި ދަތުރަކީ ގއ. ވިލިނގިލީގައި އޮތް ފުޓުބޯޅަ މެޗެއް ބެލުމަށް ގދ. ތިނަދޫއިން އެރަށަށް ދިޔަ މީހުން އެނބުރި ތިނަދޫއަށް ކުރިދަތުރެވެ. އެމެޗަކީ ދިވެހި ލީގަށް ކޮލިފައިވާން ޒޯން ހަތެއްގެ ތިނަދޫ މަސްވެރިންގެ ރޫހާއި، ވިލިނގިލީ މަސްވެރިންގެ ކްލަބް ވިލިނގިލާ ބައްދަލުކުރި މެޗެވެ. މިމެޗުން ބަލިވި ޓީމުކަމަށްވާ ތިނަދޫ ޓީމުގެ ސަޕޯޓަރުން ބޯޓަށް އެރީ އިރު އޮއްސި 6:50 ހާއިރުއެވެ. ދަތުރު ކުރަމުން ގޮސް ބައިގަޑި އެއްހާއިރު ވީތަނާ އިންޖީނު ހުއްޓިގެން އޭގެ ފިލްޓަރެއް ބަދަލުކޮށް އަލުން ދަތުރު ފެށިއެވެ. ދެން އޭގެ ފަހުން ހުރިހާ ކަމެއްވެސް އާދައިގެ މަތިން ގޮސް މިކާރިސާއާ ކުރިމަތިވީ ބޯޓުގައި ގިނަ އަދަދެއްގެ ބަޔަކު މަޖާނަގަމުން ދަނިކޮށް ވަރަށް ކުއްލި ގޮތަކަށެވެ.

މަދު މުދަލާއެކު އެހާ ގިނަ މީހުން ބޯޓުގެ މަތީގައި ތިބުމަކީ ބޯޓު ބަންޑުންޖަހާލުމުގެ ސަބަބެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. .ބޯޓު ދަތުރުކުރަމުން ދަނިކޮށް ބޯޓުގެ މަތީބަޔަށް މީހުންތައް އެރުން އެއީ އޭގެ ބެލެންސް ގެއްލުނު އެއް ސަބަބު ކަމަށް އެ މީހުން ބުނެއެވެ.

އެބޯޓު ދުއްވި ކައްޕި މުހައްމަދު ޒާހިރު ބުނި ގޮތުގައި، އެރާޅަކީ ބޮއްކުރައަކަށްވެސް އޭގެން އަސަރުނުކުރާނެ ވަރުގެ ކުޑަކުޑަ ރާޅެކެވެ. އޭނާ ބުނެފައިވަނީ ވިލިނގިލިން ފުރައިގެން ދެއްވަދޫ އާހަމައަށް އައިއިރުވެސް ބޯޓް ނުތަޅުވާ ކަމަށެވެ. ކަން ދިމާކުރި ގޮތުން، އެ ކުޑަކުޑަ ރާޅުގައި ޖެހި އެއް ފަރާތަށް އަރިވެލާފައި އަނެއްފަރާތަށް ދިޔަ ގޮތަށް ބޯޓު ބަންޑުންޖަހާލީއެވެ.

ކައްޕިއާ ހަވާލާދީ ބައެއް ލިޔުންތަކުގައިވާ ގޮތުގައި، ބޯޓު ބަންޑުން ޖަހާލި ވަގުތު އިންޖީނު ރޫމުގައި ރޯވެފައި ހުރި މަންޒަރު އޭނާއަށް ފެނިފައިވެއެވެ. އަދި އޭގެ ދުންގަނޑު މުޅި ބޯޓަށް ފެތުނު ކަމަށްވެއެވެ. އަދި ތެޔޮތައްވެސް ބުރައިގެންގޮސް ބޯޓުގެ އެތަންމިތަނަށާއި ބޯޓު ކައިރިން ކަނޑަށް އެޅުނު ކަމަށް ވެއެވެ.

ހާލުގައި ޖެހުނު މީހުންނަށް ފުރަތަމަ އެހީވީ ރާޅު އުފައްދާފައި ކައިރިން ދިޔަ ތިނަދޫ އަރުތަ ދޯންޏެވެ. ޢޭގެ ފަހުން ގއ.ދާންދޫ މިޔަރެން ދޯނި މިކާރިސާ ހިނގި ވަގުތު އެނަމާ ބޯޓު ކައިރިއަށް ގޮސް އެމީހުންނަށް އެހީނުވެ ވަނީ ގޮއްސައެވެ. އެ ކާރިސާއިން ސަލާމަތްވީ މީހުން ބުނާގޮތުގައި މިޔަރެން ދޯނީގެ އެހީތެރިކަން ލިބުނު ނަމަ އެމީހުންގެ ތެރެއިން ގިނަ ބަޔަކު ސަލާމަތް ކުރެވުނީހެވެ.

ނަމަވެސް 12 ޓަނުގެ މަސް އެބަހުއްޓޭ މިދަނީ ކޫއްޑޫއަށް މަސްކިރުވާށޭ ކިޔާފައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީނުވެ އެދޯނި ދިޔައީއެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ފަހުން ވަނީ ގާނޫނީގޮތުން ހައްގު އަދަބުދީފައެވެ.

މާތްﷲގެ ތަނަވަސް ރަހުމަތްފުޅުން އެނަމާ ކާރިސާގައި މިދުނިޔެ ދޫކޮށްދިޔަ ހުރިހާ ފަރާތްތަކަށް ސުވަރުގޭގެ މަތިވެރި ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ. އަހަރެމެން އެންމެންނަކީ މިފަދަ ކޮންމެ ހާދިސާއަކުންވެސް އިބުރަތް ހާސިލްކޮށް އަހަރެމެންގެ މާދަމާ ބާއްޖަވެރިކުރަން މަސައްކަތްކުރާނެ ބަޔަކު ކަމުގައި ލައްވާށިއެވެ. އާމީން