ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ތިޖޫރީން މުވައްޒަފަކު ވައްކަން ކުރި ކަމަށް ބުނެ މީޑިއާގެ އެކި މަންސަތަކުގައި ފެތުރެމުންދާ ހަބަރުތައް އެޗްޑީސީން ދޮގުކޮށްފިއެވެ.

މިކަމާގުޅިގެން އެޗްޑީސީން ނެރުނު ނޫސްބަޔާނުގައި ބުނީ، އާއްމު ފަރާތަކުން ކުލީގެ ގޮތުގައި ދެއްކި ފައިސާއަށް ރިސިޕްޓް ދިނުމަށްފަހު އެ ފައިސާ ރިކޮންސައިލް ނުކޮށް އަމިއްލަ ބޭނުމަށް ނެގިކަން ފާހަގަ ކުރެވުނު ހިސާބުން އެ މައްސަލަ ބަލާފައިވާ ކަމަށެވެ. އަދި އެކަން ކުރިކަން އެ މުވައްޒަފު އިއުތިރާފުވެފައިވާ ކަމަށާއި، އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްވެސް އެޗްޑީސީގެ ބަޔާނުގައިވެއެވެ.

މި އަމަލު ހިންގިކަން ފާހަގަކުރެވުނީ އެ ކޯޕަރޭޝަންގެ އިންޓަރނަލް ކޮންޓްރޯލްތަކުގެ ތެރެއިން ރީކޮންސައިލް ކުރަންޖެހޭ ފައިސާގައި މަސައްލަތަކެއް ހުރުމުން ކަމަށް އެޗްޑީސިން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، ކައުންޓަރުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާއަށްވެސް އެ މުވައްޒަފުގެ އަމަލު ރެކޯޑުކުރެވިފައިވެއެވެ.

އެޗްޑީސީގެ ތިޖޫރީން މުވައްޒަފަކު ވައްކަންކުރި ކަމަށް ބުނެ މީޑިއާގެ އެކި މަންސަތަކުގައި ފެތުރެމުންދާ ހަބަރުތައް ދޮގުކޮށް އެޗްޑީސީން ބުނީ، މިމައްސަލާގައި އެ ކޯޕަރޭޝަންގެ ތިޖޫރީން ފައިސާ ވަގައް ނަގާފައިނުވާ ކަމަށާއި، އެފަދަ ކަމެއް ކުރުމުގެ ފުރުސަތު އެ ކޯޕަރޭޝަންގެ މުވައްޒަފަކަށް ލިބިފައިނުވާ ކަމަށެވެ.

އެއީ އެޗްޑީސީގައި ގާއިމްކުރެވިފައިވާ އިންޓާނަލް ކޮންޓްރޯލް އަދި އިންޓާނަލް އޮޑިޓް އުސޫލުތަކުގެ ތެރެއިން އެފަދަ އަމަލުތަކަށް ޖާގައެއް ނުލިބޭތީ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ. ކުލީގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލަވެސް ސަމާލުކަމަށް އައިސްފައިވަނީ މި ކޮންޓްރޯލްތައް ގާއިމްކުރެވިފައިވާތީ ކަން އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.

އާއްމު ފަރާތަކުން ކުލީގެ ގޮތުގައި ދެއްކި ފައިސާއަށް ރިސިޕްޓް ދިނުމަށްފަހު އެ ފައިސާ ރިކޮންސައިލްނުކޮށް އަމިއްލަ ބޭނުމަށް އެ ފައިސާ ނެގި އެޗްޑީސީގެ މުވައްޒިފަކު ވަޒީފާއިން ވަކިކޮށްފައިވާއިރު، އޮޅުވާލައިގެން އަމިއްލަ ފަރާތަކަށް ބިމެއް ދޭނެ ކަމަށް ބުނެ މަންފާއެއް ހޯދުމަށް މަސައްކަތްކުރި މުވައްޒަފަކު ވަޒީފާއިންވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.