މުސްލިމުންގެ މެދުގައި އެއްބައިވަންތަކަން ވަރުގަދަކޮށް، ރުޅިވެރިކަމާއި ނަފްރަތު ނައްތާލުމަށް މަސައްކަތްކުރުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯރޕަރޭޝަން، އޯއައިސީގެ ގައުމުތަކަށް ރާއްޖޭގެ ހާރިޖީ ވަޒީޒު އަބްދުﷲ ޝާހިދު ގޮވާއްލަވައިފިއެވެ.

މިނިސްޓަރ މިފަދައިން ގޮވާލެއްވީ، މޮރިޓޭނިއާގެ ނޫއާކްޗޮޓްގައި ކުރިއަށްދާ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ މަޖިލީހުގެ 49ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ، ދާދިފަހުން ތުރުކީއާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގައި ނިޔާވި ފަރާތްތަކުގެ އާއިލާތަކަށް ދިވެހި ރައްޔިތުންގެ ފަރާތުން ތައުޒިއްޔާ ވިދާޅުވެފައެވެ. އަދި އެ ކާރިސާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި ބައިނަލްއަގްވާމީ މުޖުތަމައުން އެހީތެރިކަން އަވަސްކުރުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

މުސްލިމުންނާމެދު ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ފަހަކަށް އައިސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ހަރަކާތްތަކާއި އަމަލުތަކަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ، މިފަދަ އަމަލުތަކުގެ ސަބަބުން ނަފްރަތާއި ހަރުކަށި ފިކުރާއި ދެކޮޅަށް އިސްލާމީ އުންމަތް އިތުރަށް ވާނީ ވަރުގަދަ ކަމަށެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ފަލަސްތީނުގެ މުސްލިމުންނަށް ލިބިދޭ ހައްގު ކަށަވަރުކޮށްދިނުމުގައި ރާއްޖެއިން ފަލަސްތީނުގެ ރައްޔިތުންނަށް އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ފަލަސްތީނުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމުގައި ކަނޑައަޅައި، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ގޮވާލާ ގޮވާލުން މިނިސްޓަރ ތަކުރާރުކުރެއްވިއެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ވަނީ ރޮހިންޔާ މުސްލިމުން ބިރުވެރިކަމުން އެއްކިބާވެފައިވާ ކަރާމާތްތެރި ދިރިއުޅުމެއް އުޅެން ކުރާ މަސައްކަތުގައި އެހީތެރިވެ އެއްބާރުލުން ދިނުމަށްވެސް އިސްލާމީ ގައުމުތަކަށް ގޮވާލައްވާފައެވެ.