ނޫމަޑި މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރ އަދި މާލެ ސިޓީގެ މޭޔަރ ޑރ. މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިން ކަމަށް ތުހުމަތުކޮށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ބޭއްވުމަށް ކްރިމިންލް ކޯޓުން ތާވަލްކޮށްފިއެވެ.

މި މައްސަލައިގެ ޝަރީއަތް އާދިއްތަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިކޮށް، މެންދުރު 13:00 ގައެވެ.

ދައުލަތުން މޭޔަރު މުއިއްޒުގެ މައްޗަށް ދޮގުބަޔާން ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ 2019 ވަނަ އަހަރު ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ.

އޭރު ޕީޖީން ބުނީ މުއިއްޒުގެ މައްޗަށް ދައުވާ އުފުލީ، ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންޝަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން (ނޫމަޑި) ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، ހައުސިންގ ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011ވަނަ އަހަރު ވެފައިވާ ފޭސް 1ގެ އެއްބަސްވުމާއި 2013ގައި ވެފައިވާ ފޭސް 2ގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ، ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާ ކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާތީ ކަމަށެވެ.

މުއިއްޒުގެ މައްޗަށް ދޮގުބަޔާން ދިނުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވާއިރު، އެ މައްސަލާގައި މުއިއްޒުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ވަނީ އެ ދައުވާއަކީ ކުރިއަށް ނުގެންދެވޭނެ ދައުވާއެއް ކަމަށް ކަނޑައަޅައިދިނުމަށެވެ. މުއިއްޒުގެ ފަރާތުން ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައި ވަނީ އޭނާ ދޮގު ބަޔާން ދިން ކަމަށް ދައުލަތުން ތުހުމަތު ކުރާނަމަ، އޭނާ އެކުށް ކުރި ތަނެއް ދައުލަތަށް ބުނެދެވެން ޖެހޭނެ ކަމަށެވެ.

އެހެން ކަމުން ދައުވާގައި އެކަން ބުނެދެވިފައި ނުވާތީ އެ ދައުވާއަކީ ކުރިއަށް ގެންދެވިދާނެ ދައުވާއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މުއިއްޒުގެ ފަތުން ދިފާއުގައި ވަނީ ފާހަގަކޮށްފައެވެ.

މި ދައުވާއާއި ގުޅިގެން ޑރ.މުއިއްޒުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހުށަހެޅުންތައް ކޯޓުން ބަލައި ނުގަތުމުން، މުއިއްޒުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި ވެސް އިސްތިއުނާފުކުރިއެވެ.

ނަމަވެސް ހައިކޯޓުން ވަނީ އެ މައްސަލައަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ މައްސަލައަކަށް ނުވާތީ ހައި ކޯޓުގައި އެމައްސަލަ ކުރިޔަށް ގެންދާންޖެހޭ ސަބަބެއް ނެތް ކަމަށް ނިންމާފައެވެ.

ނޫމަޑިއާއެކު އެއްބަސްވެފައިވަނީ އެކި ރަށްތަކުގައި 1100 ހައުސިން ޔުނިޓް އެޅުމަށެވެ. މި އެއްބަސްވުން އެއްވެސް ސަބަބެއްނެތި ކުރީގެ ސަރުކާރުން އުވާލުމާއި ގުޅިގެން އެއްބަސްވުން ބާޠިލްކުރި މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް 2017 ވަނަ އަހަރުވަނީ ހުށަހަޅާފައެވެ. ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ނޫމަޑިން ހުށަހެޅީ 2.3 ބިލިއަން ރުފިޔާ އާއި އާބިޓްރޭޝަނާގުޅޭ އެހެން ހަރަދުތައް ހޯދުމަށެވެ.

އެކި ރަށްތަކުގައި 1100 ހައުސިން ޔުނިޓް އެޅުމަށް ނޫމަޑިއާއެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާޠިލްކުރި މައްސަލާގައި ބަދަލުގެ ގޮތުގައި އެކުންފުންޏަށް 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅުމުން ސަރުކާރުން ވަނީ އާބިޓްރޭޝަނުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ނޫމަޑިއަށް ދީފައެވެ.