ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ދެކުނަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ ދެކުނަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށާއި ރާއްޖޭގެ އުތުރާއި މެދުރާއްކެތެރެއަށް ކެރީގެ އަސަރު ފޯރިނަމަވެސް އާއްމުގޮތެއްގައި މޫސުން ރަނގަޅުވާނެކަމަށެވެ.

މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައި ޖެހޭނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރަނީ 3 މޭލާއި 13 މޭލުގެ ބާރުމިނުގައެވެ. އަދި އާއްމުކޮށް މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް މަޑުވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ އާއްމު މޫސުމީ ވިއްސާރައެއްކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާއިރު ބޯކޮށް ވާރޭވެހުމާއިއެކު ގުގުރާނެކަމަށް ލަފާކޮށް މާލެއަތޮޅުން ފެށިގެން މ. އަތޮޅަށް އަދި ޅ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ހުދު ސަމާލުވެސް އިއުލާނުކޮށްފައެވެ.

މިސަމާލުގެ ވަގުތު ހަމަވީ ބުރާސްފަތި ދުވަހުގެ ރޭގަނޑު 9:30 ގައެވެ.

ކޮންމެ ދުވަހެއްގެ މޫސުމާބެހޭ މަޢުލޫމާތުތައް އާއްމުންނާ ހަމައަށް ތާޒާކޮށް ގެނެސްދިނުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މުހިންމު މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން މޫސުމީ މައުލޫމާތު ގެނެސްދިނުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާގައި ސްޓޫޑިއޯއެއް ހަދާ، އެ މައުލޫމަތު ވީޑިއޯ ހިމެނޭހެން މީޑިއާތަކަށް ދަނީ ފޯރުކޮށްދެމުންނެވެ.

އަދި ކޮމިއުނިޓީ ވައިބަރ ގްރޫޕާ އަދި ވެބްސައިޓް މެދުވެރިކޮށް މި މައުލޫމާތުތައް އަބަދުވެސް ދަނީ އަދާހަމަކުރަމުންނެވެ.

އެހެންކަމުން ދަތުރަކަށް ފެއްޓެވުމުގެ ކުރިން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަކީ އެންމެ އެދެވޭ ކަމެކެވެ.