އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ސިލްސިލާކޮށް މާލޭގައި ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން، ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ކަވަރުކުރަން އުޅުނު ނޫސްވެރިޔަކު ފުލުހުން ހައްޔަރުކޮށްފައިވަނީ ފުލުހެއްގެ ގައިގައި ޖަހައި ވާޖިބަށް ހުރަސްއެޅުމުގެ ސަބަބުން ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

އިދިކޮޅު މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކުރީ އަވަސް ނޫހުގެ ނޫސްވެރިއެކެވެ. އޭނާ ހުރީ ފެންނަ ގޮތަށް މީޑިއާ ފާސްވެސް އަޅައިގެންނެވެ.

މިކަމާއި ބެހޭގޮތުން ފުލުހުންގެ ބަސް އާއްމުކޮށް ކުރި ޓުވިޓެއްގައި ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ބުރާސްފަތި ދުވަހު ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމެއްގައި ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކުރި ވަގުތު ނޫސްވެރިޔާ އެކަމަށް ހުރަސް އަޅައި ފުލުހެއްގެ ގައިގައި ޖަހާފައިވާ މައްސަލައާ ގުޅިގެންކަމަށެވެ.

އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އޭނާ ދޫކޮށްލާފައިވާކަމަށާއި އެހެންނަމަވެސް މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންކަމަށްވެސް ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތުދެއެވެ.

މިކަމާއި ގުޅިގެން ނޫސްވެރިންގެ ޖަމިއްޔާއިންވެސް ވަނީ މުޒާހަރާ ކަވަރުކުރާ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭ ކަމަށާއި ނޫސްވެރިންނަށް ފުރައްސާރަކުރުމާއި އަނިޔާކުރުމުގެ އިތުރުން މަސައްކަތަށް ހުރަސްއެޅުމުގެ މައްސަލަތައް މިއަހަރު ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ ކަމަށް ބުނެ ނުރުހުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.

މިއަހަރުގެ މިހާތަނަށް މިފަދަ އަށް މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށްވެސް އެޖަމިއްޔާއިން ހާމަކުރެއެވެ.

މުޒާހަރާއެއްގެ ތެރެއިން ނޫސްވެރިއަކު ހައްޔަރުކޮށްފައިވަނީ ފުލުހެއްގެ ގައިގައި ޖަހައި ވާޖިބަށް ހުރަސްއެޅުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެފައިވާއިރު މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު މޮނިޓާކުރަން މީޑިއާތަކަށް އޮތް ފުރުސަތު ސަރުކާރުން ހަނިކުރާތީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ރާއްޖޭގެ ނޫސްވެރިންގެ ޖަމިއްޔާއިން މީގެ ކުރިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންނަމަވެސް ސަރުކާރުގެ ފަރާތުން އިންތިހާބުތަކާއިބެހޭ ގާނޫނަށް ހުށައަޅާފައިވާ މި އިސްލާހުތައް ސަރުކާރުގެ ފަރާތުންވަނީ ދިފާއުކޮށްފައެވެ.