އެއްވެސް ކުޅިވަރެއް ތަފާތުނުކޮށް ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބޮޑު ބަދަލެއް ސަރުކާރުން ގެނެސްދީފިކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހްލޫފް މިފަދައިން ވިދާޅުވީ ރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023ގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

މަހުލޫފު ވަނީ ހުސްވި 2022 ވަނަ އަހަރަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނު އަހަރެއްގެ ގޮތުގައި ސިފަކޮށްފައެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑު ކާމިޔާބީއަކީ ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމް އިސްލާމިކް ސޮލިޑެޓަރީ ގޭމްސްގައި ހޯދި ބްރޯންޒް މެޑަލްކަން މަހުލޫފް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މިދިޔަ އަހަރު ބީޗް ވޮލީ ޓީމުން ހޯދި ރަން މެޑަލްއަކީ މިހާތަނަށް ރާއްޖެއަށް ވޮލީ ބޯޅައިން ލިބުނު ފުރަތަމަ ރަން މެޑަލްކަން ފާހަގަކުރައްވަމުން މަހުލޫފް ވިދާޅުވީ ދުނިޔޭގެ ބޮޑީ ބިލްޑިންގ ޗެމްޕިއަން ޝިޕެއްގައި ބޮޑީބިލްޑަރުން ހޯދި ރަންމެޑަލްއަކީ އެދާއިރާގެވެސް ފުރަތަމަ ރަން މެޑެލްކަމަށެވެ.

ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވޭ އަދަދު އިތުރުކުރުމަށްވެސް ސަރުކާރުން އިސްކަންދޭކަމަށް މަހުލޫފް ވިދާޅުވިއެވެ.

"ރާއްޖޭގައި ބައިނަލްއަގުވާމީ ކުޅިވަރުގެ މުބާރާތްތައް ހޯސްޓް ކުރުމަކީ މި ސަރުކާރުގެ އެއް ވައުދު. ނިމިދިޔަ އަހަރު ނުވަ ބައިނަލްއަގްވާމީ މުބާރާތް ބޭއްވިގެން ދިޔަ."
ކުޅިވަރާއި ބެހޭ ވަޒީރު މަހްލޫފް

މަހުލޫފް ވިދާޅުވީ މީގެ ކުރިން ރާއްޖެއިން ބޭރުގައި ތަމްރީނު ހެދުމަށް އެތްލީޓުންނަށް ނުލިބޭ ފުރުސަތުތައް މި ސަރުކާރުން ހޯދައިދީފައިވާނެކަމަށެވެ. މީގެ ތެރެއިންވެސް އަރުތަ ޕްރޮގްރާމްގެ ކާމިޔާބީ މަހުލޫފް ވަނީ ފާހަގަކުރައްވާފައެވެ.

ކުޅިވަރުގެ ބަޖެޓް އިތުރު ކުރެވި، ކުޅިވަރުގެ ގިނަ އެސޯސިއޭޝަންތަކަށް މީގެ ކުރިން ނުކުރާހާ ހަރަދުތައްވެސް އެސޯސިއޭޝަންތަކަށް ކުރުވުނު ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކޮށް، ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މި އަހަރުގެ ވަކި ހިސާބަކުން 50 ވަނަ ބޮޑު ފުޓުބޯޅަ ދަނޑު ރާއްޖޭގައި އެޅޭނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދި 85 ދަނޑުގެ މަސައްކަތް ކުރެވެމުންދާކަމަށް މަހުލޫފް ވިދާޅުވިިއިރު 15 ވޮލީ ކޯޓު އެޅުމުގެ މަސައްކަތް ނިމި، 50 އަށްވުރެ ގިނަ ރަށުގައި ވޮލީކޯޓު އެޅުމުގެ މަސައްކަތް ކުރިއަށްދާކަަމަށް މަހްލޫފް ވިދާޅުވިއެވެ.

ފަސް ޓެނިސް ކޯޓުގެ އެރީނާގެ ބިންގާ އަޅައި މި މަހުގެ 22 ވަނަ ދުވަހު މަސައްކަތް ފެށިގެން ދާނެ ކަަމަށްވެސް މަހުލޫފް ވިދާޅުވިއެވެ. އަދި އިންޑިއާގެ އެލްއޯސީ ޕްރޮޖެކްޓްގެ ދަށުން ގާއިމް ކުރާ، ސިންތެޓިކް ޓްރެކްތަކާއި، ޓޭބަލް ޓެނިސް ސެންޓަރާއި، ބާސްކެޓްބޯޅަ އެރީނާ، ވޮލީބޯޅަ ޓްރެއިނިން ސެންޓަރު، އަދި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ޓެންޑާ ކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވިފައިވާކަމަށް މަހުލޫފް ވިދާޅުވިއެވެ.