ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ފުލުހުން ބޭނުންކުރަންފެށި ޓޭޒާއަކީ ކުށްވެރިންނަށް ހަމަލާދޭން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި އެމަނިކުފާނު ދެކެވަޑައިނުގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

ރައީސް ވިދާޅުވީ ޓޭޒާއަކީ ނުރައްކާތެރި ކުށްވެރިންނާ ކުރިމަތިލާއިރު، އެ ކުށްވެރިޔާގެވެސް އަދި ފުލުސް މީހާގެވެސް ރައްކަލަކަށްޓަކައި ބޭނުންކުރާ ވަސީލަތެއްކަމަށެވެ. މީގެއިތުރުން ޓޭޒާއާއި އެކު ބޭނުންކުރާ ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމަކީ ހެޔޮ ބަދަލެއް ކަމަށާއި ރައްޔިތުންގެ ދިފާޢުގައި ކިތަންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލިޔަސް، ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީވެސް ކުރަންޖެހޭ ކަމެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޤާނޫނީ ރައްކާތެރިކަން ވެސް އަދި ޖިސްމާނީ ރައްކާތެރިކަން ވެސް ކަށަވަރުކުރަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަށް އަދަދުގެ ގޮތުންނާއި ޚިދުމަތުގެ ވައްޓަފާޅީގެ ގޮތުންނާއި ބޭނުންކުރާ ވަސީލަތްތަކުގެ ގޮތުން ބެލިޔަސް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްކަމަށާއި އަދިވެސް ހިދުމަތަށް ދަނީ ހެޔޮ ބަދަލުތައް އަންނަމުންކަމަށެވެ.

"ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން މިހާރު މި ގެންގުޅޭ ސިޔާސަތަކީ، މުޖުތަމަޢާ ގުޅިގެން ޚިދުމަތް ދިނުން، ނުވަތަ ކޮމިޔުނިޓީ ޕޮލިސިންގ ދެމެހެއްޓުން. ފުލުހުންނާ މެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ ފުލުހުންނަކީ، ރައްޔިތުންނަށް ޚިދުމަތް ކުރުމަށް، ރައްޔިތުންގެ ތެރެއިން އުފެދިފައިވާ މުޖްތަމަޢުގެ އެއްބައިކަން އަޅުގަނޑުމެން އެންމެން ގަބޫލުކޮށްގެން."
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް

ކޮންމެ މުޖްތަމަޢެއްގައިވެސް ފުލުހުންގެ ޚިދުމަތް، އާރުލާ ހަރުދަނާ ޚިދުމަތަކަށް ހެދޭނީ ވަށައިޖެހޭ ނިޒާމެއްގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ބައްޓަންކޮށްގެންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިދިޔަ 5 އަހަރުގެ ތެރޭގައި ފުލުހުންގެ ހިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރެއިންވެސް އިންޓަޕޯލްގައި ދިވެހި ފުލުހުންގެ ދައުރު ފުޅާވެގެން ދިއުމަކީ ދިވެހި ފުލުހުންގެ ޤާބިލުކަމާއި ހުނަރުވެރިކަން ބައިނަލްއަޤުވާމީ މިންގަނޑުންވެސް ވަޒަންކުރެވޭކަމުގެ ހެއްކެއްކަމަށް ރައީސް ވިދާޅުވިއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގައި ފުލުހުންގެ ޚިދުމަތާ ބެހޭ ގޮތުން، 10 ދިރާސީ ކަރުދާސް ހުށަހަޅައި، ޢިލްމީ ގޮތެއްގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށްވަނީ ހަމަޖެހިފައެވެ.

ފުލުހުންގެ ޚިދުމަތްތައް ކުރިއަރުވައި، ތަރައްޤީކޮށް ޕޮލިސް ރިފޯމް ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ.