އިންޓަރނޭޝަނަލް މޯބައިލް ސެޓްލައިޓް އޯގަނައިޒޭޝަން (އިމްސޯ)ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އިމްސޯގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެދުމުން، މި އޯގަނައިޒޭޝަންގައި ބައިވެރިވުމަކީ މުހިންމު އަދި ބޭނުންތެރިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅައި އެކަން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމުން މަޖިލީހުން މި އޯގަނައިޒޭސަންގައި ބައިވެރިވުމަށް ފާސްކުރީ މިމަހުގެ 14 ވަނަ ދުވަހުގައެވެ.

ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރާއިބެހޭ ޖަމްޢިއްޔާ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)ގެ މެންބަރު ޤައުމެކެވެ. އިމްސޯ އުފައްދާފައި ވަނީ 1979 ވަނަ އަހަރު އައި.އެމް.އޯގެ އެހީތެރިކަމާއެކުއެ ޖަމްޢިއްޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

އިމްސޯއިން ކުރާ މައިގަނޑު މަސައްކަތަކީ ގްލޯބަލް މެރިޓައިމް ޑިސްޓްރެސް އެންޑް ސޭފްޓީ ސިސްޓަމް (ޖީއެމްޑީއެސްއެސް) އާއި ލޯންގް ރޭންޖު އައިޑެންޓިފިކޭޝަން އެންޑް ޓްރެކިންގ އޮފް ޝިޕްސް (އެލްއާރުއައިޓީ)ގެ އެންމެހާ ކަންކަން ކުރުމަށް މަގުފަހިކުރުމެވެ.

ޖީ.އެމް.ޑީ.އެސް.އެސް އަދި އެލް.އާރު.އައި.ޓީ އަކީ ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރާއިބެހޭ ޖަމްޢިއްޔާ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ)ގެ މުއާހަދާއެއް ކަމުގައިވާ "އިންޓަރނޭޝަނަލް ކޮންވެންޝަން ފޯ ދަ ސޭފްޓީ އޮފް ލައިފް އެޓް ސީ (ސޯލާސް) 1974" އިން އެކަންކަން މި މުއާހަދާގައި ބައިވެރިވާ ޤައުމުތަކަށް ލާޒިމުކުރާ ކަމެކެވެ.

ރާއްޖެއަކީވެސް އައި.އެމް.އޯ އަދި ސޯލާސްގައި ބައިވެރިވެފައިވާ ޤައުމެކެވެ. އަދި އިމްސޯގައި ބައިވެރިވުމަށް އައި.އެމް.އޯ މެންބަރ ސްޓޭޓް އޮޑިޓްގައި ވަނީ ލަފާދީފައެވެ.

އިންޓަރނޭޝަނަލް މޯބައިލް ސެޓްލައިޓް އޯގަނައިޒޭޝަން (އިމްސޯ) ގައި ބައިވެރިވުމަކީ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންއިން ލާޒިމްވެފައިވާ ކަމެއްކަމަށްވެފައި ރައްޔިތުންގެ މަޖިލީހުން މިކަމަށް ހުއްދަ ލިބުމުން މި އޯގަނައިޒޭޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެ ރާއްޖޭގެ އާގު ބޯޓުފަހަރަށާއި ކުދި އުޅަނދުފަހަރުގައި ބޭނުންކުރާ ކޮމިއުނިކޭޝަން ސިސްޓަމްތަކުގެ ކަންކަން ހަރުދަނާ އުސޫލެއްގެ ތެރެއިން ކުރިޔަށް ދިއުމާއެކު ކަމާބެހޭ ތަމްރީނާއި ޓެކްނިކަލް އެހީތެރިކަން މި ޖަމްއިއްޔާއިން ލިބިގެންދާނެއެވެ.