ކޮންމެ އަހަރަކު ދިވެހި ސަރުކާރުގެ ފަރާތުން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއަހަރުގެ މުބާރާތް ބާއްވަން މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު ނުވަތަ ސޯސަންވިލާއިން ނިންމާފައިވަނީ މިއަހަރުގެ މެއިމަހުގެ 13 ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މުބާރާތަކީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ލޯބި ޖެއްސުމާއި ގުރުއާނުގެ ފަންނު ދިރުވައި އާލާކުރުުގެ އިތުރުން ކީރިތި ގުރުއާނަށް އަހުލުވެރި ދަރިވަރުންތަކެއް އުފެއްދުމުގެ މަގުސަދުގައި ސޯސަންވިލާއިން ކޮންމެ އަހަރަކުވެސް އިންތިޒާމުކޮށް ބާއްވަމުން އަންނަ މުބާރާތެކެވެ.
މި މުބާރާތުގައި ލަންކާގައި ދިރިއުޅޭ ރެސިޑެންޓް ވިސާ އޮތް ކޮންމެ ދިވެއްސަކަށް ބައިވެރިވެވޭއިރު އަމިއްލަގޮތުން ބައިވެރިވާ ފަރާތްތަކުން ރެސިޑެންޓް ވިސާގެ ކޮޕީއެއް ހުށައަޅަންޖެހޭނެކަމަށް އިއުލާނުގައިވެއެވެ.
ފޮތުން ކިޔެވުމުގެ ގޮތްޕާއި ހިތުން ކިޔެވުމުގެ ގޮފި ހިމެނޭހެން ފަރުމާކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފޯމާއި މުބާރާތުގެ ގަވާއިދު މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގެ ވެބްސައިޓުގައި މިހާރުގައިވަނީ ޝާއިއުކޮށްފައެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.
ސޯސަންވިލާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތަށް ކޮންމެ އަހަރަކުވެސް ގިނަ ދިވެހިންގެ ފަރާތުން ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.