ހިއުމަން ޓުރެފިކިންގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުންބުނީ މައްސަލައާއި ގުޅިގެން އިއްޔެގެ ވަގުތެއްގައި އުމުރުން 20 އަހަރުގެ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިމިގްރޭޝަނާ ގުޅިގެން އޮފަރޭޝަންތަކެއް ކުރިއަށް ގެންގޮސް ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ފަރާތްތަކާއި، ސްމަގްލިން ނުވަތަ ހިއުމަން ޓްރެފިކިންގެ ޝިކާރައަށް ވެފައިވާ ފަރާތްތައް ދެނެގަނެވި، ކުށް ހިންގުމުގެ ކުރިން އެކަންކަން ހުއްޓުވިފައިވާ ކަމަށް ހުސްވި ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ސަރުކާރުގެ ދާހިލީ ވަޒީރު އިމްރާން އަބްދުﷲވަނީ ވިދާޅުވެފައެވެ.

އިމްރާން ވަނީ ދިވެހިންނަށާއި، ރާއްޖޭގައި ގަނޫނުތަކާ އެއްގޮތަށް ދިރިއުޅޭ އަދި ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކަށް ލިބިފައިވާ ހައްގުތަކަށް ހުރަސްއެޅޭ ގޮތައް ހިންގާ ޖިނާއީ ކުށަކަށްވާފަދަ އަމަލުތައް ހުއްޓުވުމުގައި އެކަންކަމުގައި ޝާމިލުވާ ބިދޭސީންނާއި ދިވެހިންގެ މައްޗަށް ވެތުވެދިޔަ ތިން އަހަރު ގާނޫނީ ފިޔަވަޅުތަކެއް އެޅިފައިވާކަން ފާހަގަކުރައްވާފައެވެ.

އަދި ބޮޑެތި ކުށްތަކުގައި ބިދޭސީން ބައިވެރިވާ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާތީ، ސިޔާސަތުތައް ކަނޑައެޅުމުގަ އާއި، އޮޕަރޭޝަންތައް ހިންގުމުގައި މިނިސްޓްރީންނާއި ފުލުހުންދަނީ އިތުރު ސަމާލުކަމެއް ދެމުން ކަމަށްވެސް އިމްރާން ފާހަގަކުރައްވާފައިވެއެވެ.

ހިއުމަން ޓްރެފިކިންގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައަކަށްވާއިރު ވަޒީފާގެ ނަމުގައި ގިނަ ބަޔަކު އޮޅުވާލައިގެން ރާއްޖެއަށް ގެނައުންވެސް މީގެ ތެރޭގައި ހިމެނެއެވެ.