އަރަބިއްޔާ ސްކައުޓް ގުރޫޕްގެ ރޯވަރ ސްކައުޓް ސެކްޝަނުން "އޭއެސްޖީ ފޯރަމް 2023' ގެ ނަމުގައި ފޯރަމެއް ބާއްވައިފިއެވެ.
މާފަންނު އިޖުތިމާއީ މަރުކަޒުގެ ސެމިނަރ ރޫމްގައި މިއަދު ހެނދުނު 8:15 ގައި އޮތް ރަސްމީއްޔާތަކުން ފެށި މިފޯރަމަކީ، އަރަބިއްޔާ ރޯވަރ ސްކައުޓް ސެކްޝަންގެ އައު ކޯޑް އޮފް ކޮންޑަކްޓް އެކުލަވާލުމަށާއި، ރޯވަރ ސެކްޝަންގެ އަހަރު ދުވަހުގެ މަސައްކަތު ޕްލޭނެއް އެކަށައެޅުމުގެ އިތުރުން، ރޯވަރ ސްކައުޓުންނަށް ދިމާވާ ގޮންޖެހުންތަކާއި، އެކަންކަން ހައްލުކޮށް ކުރިއަށް ދާނޭގޮތުގެ މަގުތައް ކޮށުމުގެ މައްޗަށް ބޭއްވި ފޯރަމެކެވެ.
އެގޮތުން، މިފޯރަމުގައި ރޯވަރ ކްރޫ ހިންގުމުގެ އުސޫލަށް މެމްބަރުން ހުށަހެޅި އިސްލާހުތައް ފާސްކޮށްފައިވެއެވެ. އިސްލާހުތައް ފާސްކޮށްފައިވަނީ ފޯރަމުގައި ބައިވެރިވި ރޯވާއިންގެ މެދުގައި ފެންނަ ނުފެންނަ ވޯޓު ނަގައިގެންނެވެ.
މީގެ އިތުރުން، އޭއެސްޖީގެ ރޯވަރ ސެކްޝަނުން ކުރިއަށް ރާވާފައި ހުރި ކަންކަން އިއުލާންކޮށް އެކަންކަމާ މެދުވެސް ފޯރަމްގައި މަޝްވަރާ ކުރިއެވެ.
މިފޯރަމުގައި، ރާއްޖޭގެ އެންމެ ގިނަ ރޯވަރ ސްކައުޓުން ތިބި އޭއެސްޖީ ރޯވަރ ކުރޫގެ ރޯވަރ ސްކައުޓުންގެ ޢެއެސްޖީ ލީޑަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ސީނިއަރ ސްކައުޓުން ބައިވެރިވިއެވެ.
އަދި ރާއްޖޭން ބޭރުގެ އެކި ގައުމުތަކުގައި ތިބި އަރަބިއްޔާގެ ރޯވަރ ސްކައުޓުންވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިފޯރަމުގައި ބައިވެރިވެ، ޚިޔާލާއި މަޝްވަރާ ދިނެވެ.
މިއަދު ހަވީރު 4:30 ގެ ނިއަލަށް ކުރިއަށްގެންދިޔަ މިފޯރަމް ނިިންމާލުމުގެ ގޮތުންވެސް ހާއްސަ ރަސްމިއްޔާތެއް ބޭއްވިއިރު، ފޯރަމްގައި ބައިވެރިވި ރޯވާއިންނާއި އޮބްޒާވަރުން އަދި އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގު ވަޒަންކޮށްވަނީ ހަނދާނީ ލިޔުން ދީފައެވެ.
މިފޯރަމްގެ ފުޑް އެންޑް ބެވަރޭޖް ޕާޓްނަރެއްގެ ގޮތުން އެމްޔޫ ސްޓޯރުންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ފޯރަމްކުރިއަށް ގެންދެވުނީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންކަން އޭއެސްޖީން ފާހަގަކުރެއެވެ.
މިފޯރަމްގެ މީޑިއާ ޕާޓްނަރެއްގެ ގޮތުން ހަރަކާތްތެރިވީ ވީމީޑިއާއެވެ.
އަރަބިއްޔާ ސްކައުޓް ގުރޫޕަކީ ރާއްޖޭގައި މިވަގުތު އެންމެ ހަރަކާތްތެރި، ގިނަގުނަ ހަރަކާތްތަކެއް ހިންގާ އެއް ސްކައުޓް ގުރޫޕުކަން ފާހަގަކޮށްލެވެއެވެ.
މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުގެ ސްކައުޓް ގްރޫޕްތަކަށްވެސް އަރަބިއްޔާ ސްކައުޓް ގްރޫޕުން ގެންދަނީ ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.