އަލްޒައިމަރސް ސޮސައިޓީ އޮފް މޯލްޑިވްސް (އޭއެސްއެމް)އިން ކުޅަދާނަ އާރޓިސްޓް އަހުމަދު ނިމާދު (އަންދު)އާ ގުޅިގެން ކުރިއަށްގެންދިޔަ ކުރެހުމުގެ މުބާރާތުގެ ނަތީޖާފާޅުކޮށްފިއެވެ.

އެކިއެކި އުމުރުފުރާތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި ހުށަހެޅި ކުރެހުންތަކަކީ "ޑިމެންޝިއާ"ގެ ހާލަތާ ގުޅުންހުރި ކުރެހުންތަކެކެވެ. މިމުބާރާތުގައި އެކިއެކި އުމުރުފުރައިގެ ކުދިން ބައިވެރިވިއިރު، އެންމެ ގިނަ ކުރެހުން ހުށަހަޅާފައިވަނީ އއ. ހިމަންދޫ ސްކޫލުންނެވެ.

މިއަދު ސަލްޓަން ޕާކުގައި އޮތް ހަފުލާއެއްގައި މުބާރާތުގައި ވަނަވަނައަށް ދިޔަ ނަންތައް އިއުލާންކޮށްފައިވާއިރު، މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޖެންޑަރ އެންޑް ސޯޝަލް ސާވިސަސް ފަޒްނާ ޝާކިރެވެ. މި ހަފުލާގައި މާލޭ ސިޓީ ކައުންސިލްގެ އެސްޖީ މުޖުތަބާ ޖަލީލާއި އޭއެސްއެމްގެ އިސް ބޭފުޅުންނާއި ބައެއް މެމްބަރުންގެ އިތުރުން ކުރެހުމުގެ މުބާރާތުން ވަނަވަނައަށް ދިޔަ ކުދިންނާއި އެކުދިންގެ ބެލެނިވެރިން ބައިވެރިވިއެވެ.

އެލްޒައިމަރސް ސޮސައިޓީ އޮފް މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ކުރެހުމުގެ މުބާރާތުން 10 އަހަރުން ދަށުގެ އުމުރުފުރައިން އެއްވަނަ ޒެއިނާ އަމްޒަދު އަހުމަދު ހޯދާފައިވާއިރު، 10 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރައިން އެއްވަނަ ހޯދީ ޒެއިން އަހުމަދު ސޮބާހުއެވެ. އަދި 16 އަހަރުން މަތީގެ އުމުރުފުރައިން އެއްވަނަ ހޯދީ މަލަކް އަބްދުﷲ ޖަމީލެވެ.

މުބާރާތުގެ ވަނަވަނައަށް ދިޔަ ކުދިންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ، އެ ޖަމިއްޔާގެ ޗެއާޕާސަން ހުސައިން ނިޔާޒާއި މާލޭ ސިޓީ ކައުންސިލްގެ އެސްޖީ މުޖުތަބާ ޖަލީލްގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޖެންޑަރ އެންޑް ސޯޝަލް ސާވިސަސް ފަޒްނާ ޝާކިރެވެ.

މި މުބާރާތަށް ހުށަޙެޅި ކުރެހުންތައް މިހާރު ނޭޝަނަލް މިއުޒިއަމްގައި ކުރިއަށްދާ މައުރަޒެއްގައި ދައްކާލަން ބަހައްޓާފައި އެބަ ހުއްޓެވެ. މި މައުރަޒު ހުޅުވާފައި ހުންނާނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިއަލަށް ކޮންމެ ދުވަހަކުވެސް ހަވީރު 4:00އިން 6:00އަށެވެ.

އެ ޖަމިއްޔާއިން ބުނާ ގޮތުގައި، މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ ބޮޑެތިމީހުންނާއި އެއްވަރަށް ކުޑަކުދިންގެ މެދުގައިވެސް "ޑިމެންޝިއާ"ގެ ހާލަތާ މެދު ހޭލުންތެރިކަން އިތުރުކުރުމެވެ. އަދި ޓީޝާޓާއި ސްޓޭޝަނަރީޒްގައި އެ ކުރެހުންތައް ބޭނުންކުރުމަކީވެސް މަގުސަދެއްކަން އޭއެސްއެމްއިން ފާހަގަކުރެއެވެ.

ޑިމެންޝިއާއަކީ ކަންބޮޑުވާންޖެހޭ ސިއްޙީ މައްސަލައެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ކަމެކެވެ. މިއީ މުޅި ދުނިޔޭގައި ވެސް ހަތްވަނައަށް އެންމެ ގިނަ މީހުން މަރުވާ ސަބަބު ކަމަށްވެއެވެ.

ޑިމެންޝިއާއާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް އަލްޒައިމަރސް ސޮސައިޓީ އޮފް ދަ މޯލްޑިވްސްގެ ނަމުގައި ރާއްޖޭގައި ޖަމިއްޔާއެއް އުފައްދާ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ. ޑިމެންޝިއާއަކީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ކުރިމަތިވެދާނެ ހާލަތެކެވެ.

ޑިމެންޝިއާއަކީ ވިސްނުމަށާއި ހަނދާންކުރުމަށާއި އަދި އާންމު ދިރިއުޅުމުގައި ގޮތް ނިންމުމަށް ދަތިވާ ދަތިވުންތަކަށް އިޝާރާތްކޮށް ބޭނުންކުރާ އާންމު ލަފުޒެކެވެ. މި ހާލަތު މެދުވެރިވުމުން ފެންނަ އާއްމު އަލާމާތްތަކުގެ ތެރޭގައި ހަނދާން ނެތުމުގެ ސަބަބުން، އާދަވެ ކުރާކަންކަމަށް ނޭދެވޭ އަސަރުކުރުން، ކަންކަން ރޭވުމަށާއި ދިމާވާ މައްސަލަތައް ހައްލ؛ުކުރުމުގައި ގޮންޖެހުންތައް ކުރިމަތިވުން، ފަރިތަކަމާއެކު ކޮށްއުޅުނު ކަންކަން ކުރުމަށް ދަތިވުން، ވަގުތުތަކާއި ތަންތަން އޮޅުންއެރުން، މުއާމަލާތްކޮށް އުޅުމަށް ދަތިވުން، ގެންގުޅޭ ތަކެތި ބެހެއްޓުނު ތަން ހަނދާން ނެތުން، ބަލިކަށި ގޯސް ނިންމުންތައް ނިންމުން، ކުރާ މަސައްކަތް ނުވަަތަ އިޖުތިމާއި ކަންކަމާއި ދުރުހެލިވުން އަދި މިޒާޖަށް ބަދަލުތަކެއް އައުމާއި މީހާގެ އުޅުމަށް ބަދަލު އައުން ހިމެނެއެވެ.

ދުވަސްވީ މީހުން، ހަނދާން ނެތެން ފެށުމުން އެއީ އުމުރުން ދުވަސްވުމުން ދިމާވާ ކަމެއްކަމަށްހިތާ އަޅާނުލައި ދޫކޮށްލެވޭތަން އާދެއެވެ. ނަމަވެސް އެފަދަ ހާލަތްތަކުގައި ސިއްހީއެހީތެރިއަކަށް ނުވަތަ ޑޮކްޓަރަށް ނުދައްކާ ދޫކޮށްލުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ.