އަންނަ އަންގާރަ ދުވަހު އޭނާ ހައްޔަރުކޮށްފާނެ ކަމަށާއި، އެހެންކަމުން އެކަމާ ދެކޮޅަށް މުޒާހަރާއަށް ނުކުތުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ސަޕޯޓަރުންނަށް ގޮވާލައްވައިފިއެވެ.

ޓްރަމްޕް ވިދާޅުވީ، އޭނާ ހައްޔަކުރަނީ މެންހަޓަން ޑިސްޓްރިކްޓް އެޓަނީ އޮފީހަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ނަމަވެސް، އެއީ ކޮން މައްސަލައެއް ކަމެއް ޓްރަމްޕް ހާމަކުރައްވާފައެއް ނުވެއެވެ.

ޓްރުތު ސޯޝަލްގައި ޓްރަމްޕް ޕޯސްޓް ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، މިމަހުގެ 21 ވަނަ ދުވަހު އޭނާ ހައްޔަރު ކުރާނެކަން މެންހަޓަން ޑިސްޓްރިކްޓް އެޓަނީ އޮފީހުން ލީކްވެފައިވާ ލިއުންތަކުން އެނގިފައިވާ ކަމަށެވެ.

އެހެން ނަމަވެސް، އެމީހުންނަށް ސާބިތުކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

މެންހަޓަން ޑިސްޓްރިކްޓް އެޓަނީ އޮފީހަކީ ކޮރަޕްޓް އަދި ސިޔާސީ ބައެއް ކަމަށް ޓްރަމްޕްވަނީ ތުހުމަތު ކުރައްވާފައެވެ.

"ރިޕަބްލިކަން ލީޑިންގ ކެންޑިޑޭޓް އަދި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ކުރީގެ ރައީސް އަންނަ ހަފްތާގެ އަންގާރަދުވަހު ހައްޔަރުކުރާނެ"
ޑޮނަލްޑް ޓްރަމްޕް

މިކަމާ ގުޅިގެން ޓްރަމްޕްވަނީ، މުޒާހަރާއަށް ނުކުތުމަށް އޭނާގެ ސަޕޯޓަރުންނަށް ގޮވާލައްވާފައެވެ. މުޒާހަރާއަށް ނުކުތުމަށާއި، ގައުމު އަނބުރާ ހޯދުމަށް ޓްރަމްޕްވަނީ ގޮވާލައްވާފައެވެ.

ޓްރަމްޕްގެ ތުހުމަތުތަކާ ގުޅިގެން، މީޑިއާއިން ސުވާލު ކުރުމުން، މެންހަޓަން ޑިސްޓްރިކްޓް އެޓަނީ އޮފީހުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެހެން ނަމަވެސް، ޓްރަމްޕްގެ އަމިއްލަފުޅު ގާނޫނީ ވަކީލު މައިކަލް ކޮހެން، 2016 ވަނަ އަހަރުގެ ކެމްޕެއިން ތެރޭގައި ހަށިވިއްކާ އަންހެނަކަށް އެއްލައްކަ ތިރީސްހާސް އެމެރިކާ ޑޮލަރު ދިން މައްސަލަ ތަހްގީގުކުރަމުންދާ ޖޫރީންނަށް މެންހަޓަން ޑިސްޓްރިކްޓް އެޓަނީ އޮފީހުން މިއަހަރުގެ ކުރީކޮޅު، މައްސަލައިގެ ހެކި ފޯރުކޮށްދޭން ފަށާފައި ވެއެވެ.

ހަށިވިއްކާ އަންހެންމީހާ ބުނެފައިވަނީ، އޭނާއާ ޓްރަމްޕާ ދެމެދު ވަރަށް ކުރިން ގުޅުންތަކެއް އޮތްކަމަށެވެ. އެކަމަކު، އެ ތުހުމަތުތައް ޓްރަމްޕް ދޮގު ކުރައްވާފައި ވެއެވެ.

2017 އިން 2021 އަށް އެމެރިކާގެ ރައީސްކަން ކުރެއްވި ޑޮނަލްޑް ޓްރަމްޕް، އަނެއްކާވެސްވަނީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުމެވަޑައި ގަތުމަށް މަސައްކަތް ފަށްޓަވާފައެވެ.

ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓަށް ޓްރަމްޕް ކެމްޕެއިން ފަށްޓަވާފައި ވާއިރު، ޓްރަމްޕަށް ގާނޫނީ ބޮޑެތި އެތައް ގޮންޖެހުންތަކެއް ކުރިމަތިވެވަޑައި ގެންފައި ވެއެވެ. އޭގެ ތެރޭގައި، 2020 ވަނަ އަހަރުގެ ޖޯޖިއާގެ އިންތިޚާބުގެ ނަތީޖާ ބާތިލް ކުރައްވަން މަސައްކަތް ކުރެއްވުމާއި، 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއާ ދެކޮޅު ހައްދަވައި ނަތިޖާ ބަތިލް ކުރައްވަން އުޅުއްވި މައްސަލައާއި، ވެރިކަމުން ފައިބާވަޑައިގެންނެވިފަހުންވެސް ދައުލަތުގެ ސިއްރު ލިޔެކިއުންތައް ގެންގުޅުއްވި މައްސަލަފަދަ އެތައް މައްސަލަތަކެއް ހިމެނެއެވެ.