މި ހިނގާ 2023 ވަނަ އަހަރު ރާއްޖެއަށް ހަތަރުލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުން ދައްކާގޮތުގައި، މި އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާޗް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 440،059 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ކުރީ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު، 23.8 އިންސައްތައިގެ އިތުރުވުމެކެވެ. ކުރީ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރީ 355،429 ފަތުރުވެރިންނެވެ.

ރާއްޖެއަށް ދުވާލެއްގެ މައްޗަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިހާރު 5،947 ގައި ހުރިއިރު، ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް އަށް ދުވަސް ހޭދަކުރާކަން ތަފާސްހިސާބުތަކުން ދައްކައެވެ.

މި އަހަރު ރާއްޖެއަށް އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިންނެވެ. އެގޮތުން ރަޝިއާއިން ރާއްޖެއަށް 54،527 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރާއްޖެއަށް ޒިޔާރަތްކުރި އެންމެފުރުތަމަ ފަތުރުވެރިއާއަކީ ވެސް ހަމަ ރަޝިޔާއަށް ނިސްބަތްވާ ފަރާތެކެވެ. ދެވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމަކީ އިންޑިއާކަމަށްވާއިރު، އެ ގައުމުން ރާއްޖެއަށް 47،462 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 41،126 ފަތުރުވެރިން މި މުއްދަތުގައި ޒިޔާރަތްކޮށްފައިވެއެވެ.

މި ލިސްޓުގައި ދެން ހިމެނެނީ، އިޓަލީ، ޖަރުމަނުވިލާތް، ފްރާންސް، އެމެރިކާ، ޗައިނާ، ސްވިޓްޒަލޭންޑްގެ އިތުރުން ޕޮލޭންޑެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 1،232 ތަނަކަށް ވަނީ ހުއްދަ ދީފައެވެ. އޭގެތެރެއިން މިހާރު ހިދުމަތްދެމުން އަންނަނީ، 1،228 ތަނަކުންކަމަށް ވާއިރު، އެއީ 173 ރިސޯޓާއި، 13 ހޮޓަލާއި، 893 ގެސްޓްހައުސްގެ އިތުރުން 153 ސަފާރީއެވެ.

މި އަހަރަށް ސަރުކާރުން އަމާޒުހިފާފައި ވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ޓޫރިޒަމްގެ ރެކޯޑެއް ހެދުމަށެވެ. މިދިޔަ 2022 ވަނަ އަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފީ 1.6 މިލިއަން ފަތުރުވެރިނެވެ. މި އަމާޒު ވާސިލްވެ، މިދިޔަ އަހަރު ރާއްޖެއަށް 1،675،303 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.