ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ޤައުމީ އިނާމާބެހޭ ކޮމިޓީއިން ހުޅުވާލައިފިއެވެ.

މި އިނާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި، އިހްލާސްތެރިކަމާއެކު ކުރައްވައިފައިވާ ހިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ 2021 ވަނަ އަހަރު ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.

މި އިނާމު ލިބޭ މީހުން ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާފައިވާ "ގައުމީ އިނާމާބެހޭ ކޮމިޓީ" އިންނެވެ.

މި އިނާމަކީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ހިދުމަތްކުރި ފަރާތްތަށްދޭ އިނާމެކެވެ. އެގޮތުން ދައުލަތަށް ހިދުމަތްކުރާ، ނުވަތަ ކޮށްފައިވާ މުވައްޒަފެއްގެ ނަން އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެ މުވައްޒަފު އަމިއްލައަށް އިނާމަށް ހުށަހެޅޭނެއެވެ.

ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި ޝަރަފުގެ ބެޖަކާއި ހަނދާނީ ލިޔުމެކެވެ.