ހުޅުމާލޭގައި ރަހުމްކުޑަގޮތަކަށް، ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ދައުވާ ލިބޭ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދަށް ހުކުމް އިއްވުން ކްރިމިނަލް ކޯޓުން މިއަދަށް ތާވަލުކޮށްފިއެވެ.
ގާސިމްގެ މަރުގެ މައްސަލައިގައި އަދުހަމް މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
ދިގުމިނުގައި ހަ އިންޗި ހުރި ވަޅިއަކުން ހަމަލާދީ އދ. މާމިގިލީ ކަނީރުމާގޭ ޤާސިމް ހަސަން މަރާލާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ހަތަރުވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ގާސިމްގެ މަރުގެ މައްސަލައާ ގުޅިގެން އަދުހަމް ހައްޔަރުކޮށްފައި ވަނީ ވެސް ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އުމުރުން 59 ގާސިމް މަރާލި މައްސަލާގައި، އަދުހަމްވަނީ މީގެކުރިން ކުށަށް އުއުތިރާފުވެސް ވެފައެވެ. އެއީ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު އޭގެ ހަ ދުވަސް ފަހުން ބޭއްވި އަޑުއެހުމުގައި، މި ކުށަށް އިއުތިރާފުވީ ފުލުހުން އަނިޔާކުރުމުން ކަމަށް ބުނެ ފަހުން އޭނާ ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ.
މި މައްސަލާގައި ދައުލަތުން ހުށަހެޅި ހުލާސާ ބަޔާނުގައި ވަނީ، އަދުހަމް މަސްތުވީ އޭނާގެ އަމިއްލަ އިހުތިޔާރުގައި ކަމާއި ކޮންމެ ހާލަތެއްގައި ވެސް މަސްތުވާތަކެތި ގަންނަން ފައިސާ ހޯދަން ފޭރިގެން އެކަން ކުރުމަށް ރާވަމުން ދިޔަ ކަމަށެވެ. އެހެންނަމަވެސް އަދުހަމްގެ ދިފާއީ ވަކީލު ވަނީ ގަސްތުގައި އޭނާ މީހަކު މެރުމުގެ ނިޔަތް ނެތް ކަމަށާއި ނިޔަތް އޮތީ ފޭރުމަށްކަމަށް ވެސް ވިދާޅުވެފައެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ވަނީ މިދިޔަ އޮކްޓޯބަރު މަހު ނިންމާލާފައެވެ.