އދ. ދިއްދޫ ކައުންސިލަށް ރައީސަކު އިންތިހާބުކުރަން ބޭއްވި ބައި-އިލެކްޝަން، ގައްސާން އަބްދުﷲ ކާމިޔާބު ކުރައްވައިފިއެވެ.

މި ބައި-އިލެކްޝަނުގައި ގައްސާންގެ އިތުރުން އަހުމަދު ޒާލިފު ވާދަކުރެއްވިއިރު، މި ދެ ކެންޑިޑޭޓުންނަކީ ވެސް އަމިއްލަ ގޮތުން ވާދަކުރެއްވި ދެ ކެންޑިޑޭޓުންނެވެ.

މި ބައި-އިލެކްޝަނުގެ ވަގުތީ ނަތީޖާ އިލެކްޝަން ކޮމިޝަން (އީސީ)އިން މިއަދު އާންމުކޮށްފައިވާއިރު، ވަގުތީ ނަތީޖާ ދައްކާ ގޮތުން ގައްސާނަށް 64 ވޯޓު ލިބިލެއްވިއިރު އަހުމަދު ޒާލިފުއަށް ލިބިލެއްވީ 47 ވޯޓެވެ.

އީސީން ބުނީ، މި ބައި-އިލެކްޝަނުގައި 148 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ކަމަށެވެ. މި ބައި-އިލެކްޝަނުގެ ވޯޓުލުން ކުރިއަށް ގެންދިޔައީ އިއްޔެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. މާލޭގެ އިތުރުން އދ. ދިއްދޫގައިވެސް ވޯޓުލުން ކުރިއަށް ގެންގޮސްފައިވެއެވެ.

ދިއްދޫ ކައުންސިލް ރައީސްގެ މަގާމު ހުސްވީ އެ ކައުންސިލް ރައީސް މަގާމުގައި ހުންނެވި އަހުމަދު މުހައްމަދު އިސްތިއުފާ ދެެއްވުމުންނެވެ.