ނ. މަނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

އެ ޚިދުމަތުން ބުނީ، މަނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމުގައިވާ އުމުރުން 33 އަހަރުގެ ޝޮހެދް އުއްލާއެވެ. ފުލުހުންވަނީ އޭނާގެ ވަނަވަރާއި ދެ ފޮޓޯއެއްވެސް އާންމުކޮށްފައެވެ.

ފުލުހުންގެ ޚިދުމަތުންވަނީ، އެމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ނ. މަނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792039 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ. މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން އެ މުއައްސަސާއިން ފާހަގަކުރެއެވެ.

އެމީހާ ހޯދަނީ ކޮން މައްސަލައެއްގައި ކަމެއް ފުުލުހުން ނުބުނެއެވެ.

މީގެ ކުރިންވެސް އެކިއެކި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށް އިއުލާނުކުރެއެވެ. މިހާތަނަށް މިގޮތަށް ވަނަވަރު އާއްމުކުރި މީހުންގެ ތެރޭގައި ބިދޭންސީން ގިނަ އަދަދަކަށް ވެއެވެ.

މިފަދައިން މީހުންގެ ވަރަވަރު އާންމުކޮށް ހޯދުމަށް އިއުލާނުކުރަނީ، ފުލުހުންނަށް ޤާނޫނުން ލިބިދޭ އިޚްތިޔާރެއްގެ ދަށުންނެވެ.