އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ރައްޔިތުންނަށް ހޯދައިދިނުމުގެ މަގުފަހިކުރުމަށްޓަކައި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންއިން އަލަށް ތައާރުފުކުރި "ސިމްސް" ޕޯޓަލް އަކީ، ކޮންމެ ރައްޔިތަކަސް ވެސް އެ ރައްޔިތެއްގެ އީ ފާސް އެކައުންޓް ބޭނުންކޮށްގެން ފަސޭހަކަމާއެކު ޚިދުމަތް ހޯދޭގޮތަށް ފަރުމާކޮށްފައިވާ ޚިދުމަތެކެވެ.
ސިމްސް ޕޯޓަލް ބޭނުންކޮށްގެން ދިވެހި ރައްޔިތުންނަށާއި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ވެސް، ދުނިޔޭގެ ކޮންމެތާކު ހުރެގެން ވެސް ޚިދުމަތް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. ސިމްސް ޕޯޓަލްގައި ބޭނުންކޮށްފައިވާ އީފާސްއަކީ ކޮންމެ މީހަކަށް ވެސް އެ މީހެއްގެ އީފާސް އެކައުންޓު ބޭނުންކޮށްގެން ޚިދުމަތް ހޯދޭގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ.
އީފާސް ބޭނުންކުރުމުގެ ސަބަބުން ކުރިން އެޕްލިކޭޝަނާއެކު ހުށަހަޅުއްވާންޖެހޭ އައި.ޑީ ކާޑުގައި ހިމެނޭ މަޢުލޫމާތުތައް ހުށަހަޅަން ނުޖެހުމާއި ކޮންމެ މީހެއްގެ ވެސް އަމިއްލަ އީފާހުން ޚިދުމަތަށް ފަސޭހަކަމާއެކު އެދި، އެ އެޕްލިކޭޝަންގެ ކަންކަން ކުރިޔަށް ދާގޮތް ވަގުތުން ބެލޭގޮތަށް ވުމާއި ހުށަހަޅާ އެޕްލިކޭޝަންއަކީ ސައްހަ ތެދު މަޢުލޫމާތު ހިމެނޭ އެޕްލިކޭޝަނެއްކަން ދެނެގަނެވޭގޮތަށް ސިމްސް ޕޯޓަލްގައި ކަންކަންވަނީ ތަރުތީބުކޮށްފައެވެ.
ކުރިން ލައިސަންސް ޚިދުމަތް ދެމުންގެންދިޔައިރު ބައެއް ފަރާތްތަކުން ޑުރައިވިންގ ޓެސްޓުގައި ބައެއް މައްސަލަތައްދިމާވެ، ލައިސަންސް ލިބުމުގައި ދަތިތަކެއް ދިމާވެފައިވާއިރު، އީފާސް މެދުވެރިކޮށް އޮތެންޓިކޭޓަރގެ އެހީގައި ލައިސަންސްގެ ޚިދުމަތް ލިބިގަތުމުގެ ސަބަބުން އެ ޚިދުމަތަކީ ސައްހަ ހިދުމަތެއްކަން ޔަގީންކުރެވެއެވެ.
އަދި މި ޚިދުމަތަކީ މިހާރު ރައްޔިތުން ބަލައިގަނެފައިވާ ފަސޭހަ އަދި ރައްކާތެރި ޚިދުމަތަކަށްވުމާއި މި ޚިދުމަތުގެ ތެރެއިން ކޮންމެ މީހަކަށް ވެސް ޑިޖިޓަލް ލައިސަންސް ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައެވެ. އަމިއްލަ އީފާސް އެކައުންޓުން ސިމްސް ޕޯޓަލްއިން މި ޚިދުމަތް ހޯދުމުން ޑިޖިޓަލް ލައިސަންސް ކޮންމެ އިރެއްގައިވެސް ބަލާލުމުގެ މަގު މިވަނީ ފަހިވެފައެވެ.
މީގެކުރިން، "ޕެންޑިން"ގައި އެތައް ދުވަސްތަކެއް ހޭދަވެ، މީގެ އަހަރުތަކެއް ކުރިން ލައިސަން ނެގުމަކީ ރައްޔިތުންނަށް ބޮޑު "ތަކުލީފަކަށް" ވެފައި އޮތްކަމެއް ނަމަވެސް، މިއަދު އެއީ ލުއިފަސޭހަ، އަވަސް ހިދުމަތެކެވެ. ބުރަ ޝެޑިއުލެއްގައި އުޅޭ "ބިޒީ" މީހަކަށް ވެސް ލިބޭ ހުސްވަގުތުގެ ތެރޭގައި މި ޚިދުމަތް ހޯދައި، ލައިސަންސް ނެގުމުގެ ފުރުސަތު މިހާރު މިވަނީ ފަހިވެފައެވެ.
އެހެންނަމަވެސް މި ޚިދުމަތާމެދު ވެސް ކަންބޮޑުވުން ހުރި ބައެއް ފަރާތްތައް، އެ ފަރާތްތަކުގެ ޝަކުވާތައް ހިއްސާކުރެއެވެ. އެގޮތުން އެންމެ ބޮޑަށް މިކަމާ ކަންބޮޑުވުން ފާޅުކުރި އެއްބަޔަކީ، މާލޭގައި ޑްރައިވިންގް ސްކޫލްތައް ހިންގާ ފަރާތްތަކެވެ.
އެ ފަރާތްތަކުގެ ކަންބޮޑުވުމަކީ، މި ޕޯޓަލްގައި ޑްރައިވިންގް ސްކޫލްތަކަށް ހާއްސަ ލޮގިންއެއް ދީފައި ނުވުމެވެ. އެ ފަރާތްތައް މެދުވެރިވެގެން ލައިސަންސް ހޯދޭނެގޮތް ރައްޔިތުންނަށް ނުވުމެވެ.
މިކަމާ ގުޅޭގޮތުން "ވީނިއުސް"އާ ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ޞާލިޙް ވިދާޅުވީ، ޑްރައިވިންގް ސްކޫލްތަކަށް ޕޯޓަލްގެ ލޮގިން ދީގެން ރައްޔިތުންނަށް ޚިދުމަތްދިނުމުގެ ފުރުސަތު ފަހިކޮށް ދިނުމުގައި ވިސްނަންޖެހޭ ކަންކަން އެބަހުރިކަމަށެވެ. އެގޮތުން ހިލޭ، ލުއިފަސޭހަކަމާއެކު ރައްޔިތުންނަށް މި ޚިދުމަތް ޕޯޓަލް ތެރެއިން ހޯދުމުގެ ފުރުސަތު އޮއްވައި، އެޕްލިކޭޝަނެއް ސަބްމިޓް ކޮށްލަން، "މިޑްލްމޭން" އެއް ހުރުމުގެ ބޭނުމެއް ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.
އަދި މިއީ އިތުރު ވަގުތާއި، ކޮންމެހެން ކުރަން ނުޖެހޭ ހަރަދުތަކެއް އާންމު ރައްޔިތުންގެ އަތުން ހިނގާނެ ކަމެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، މުސްތަގުބަލުގައި މި ޕޯޓަލްގެ ކަންކަން ތަރުތީބުކޮށް، ހުރިހާ ކަމެއް ހަމަޖެހިގެން އަންނައިރު، ޕޯޓަލްގައި ޑްރައިވިންގް ސްކޫލްތަކަށް ވެސް ލޮގިންއެއްދީ، އެ ފަރާތްތަކަށް ވެސް އަދި އާންމު ރައްޔިތުންނަށް ވެސް ބުރައަކަށް ނުވާނެ ގޮތަކަށް މިކަންކަން އިންތިޒާމުކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރާނެކަމަށް އަލީ ވިދާޅުވިއެވެ.
ދުނިޔޭގެ ގައުމުތަކުގައި ޑްރައިވިން ސްކޫލްތަކަކީ އުޅަނދުތައް ދުއްވާ ފަރާތްތަކަށް އުޅަނދު ދުއްވުމުގެ ހުނަރާއި ގާބިލުކަން ހޯދާދިނުމާއެކު، އެ ފަރާތްތަކަކީ މަގުމަތީގެ އަދަބުތަކާއި އުޅަނދު ދުއްވުމުގައި ގެންގުޅޭ ހަމަތައް އެނގިގެން އުޅަނދު ދުއްވާ ފަރާތްތަކެއްކަން ޔަގީންކުރުމަށް ތައުލީމާއި ތަމްރީނު ހޯދައިދިނުމުގެ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކެކެވެ. އެފަދަ ސްކޫލްތަކަކީ، ފަރުދުންގެ މަޢުލޫމާތުތައް ހޯދައި އެ މަޢުލޫމާތުތަކުގެ އެހީގައި މުއައްސަސާތަކުން ހޯދާ ޚިދުމަތަށް، ތަމްރީނު ލިބިގަންނަންއަންނަ ފަރާތްތަކުގެ ނަމުގައި ޚިދުމަތަށް އެދޭބަޔަކަށް ނުވާއިރު، މިއީ ތަހުޒީބު ގައުމުތަކުގައި މިކަން ހަމަޖެހި، އިންތިޒާމުވެފައި އޮންނަގޮތް ނޫންކަން ވެސް ފާހަގަކޮށްލެވެއެވެ.
ޑްރައިވިންގ ސްކޫލްތަކުން ތަމްރީނު ލިބިގަންނަން އަންނަ ފަރާތްތަކުގެ ނަމުގައި ލައިސަންސަށް އެދޭގޮތަށް އޮތުމުން، މުއައްސަސާތަކުން ނަގާ ފީއަށްވުރެ ބޮޑު ފީ ނެގުމާއި އިތުރަށް ޚިދުމަތަށް ޗާޖުކުރަމުން ދާކަމުގެ ޝަކުވާތައްވެސް ޚިދުމަތް ހޯދާފަރާތްތަކުން ކުރަމުންދާކަން ފާހަގަކުރެވެއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ފާހަގަކޮށްފައިވާގޮތުން، އަލަށް ތައާރަފުކުރި ސިމްސް ޕޯޓަލް އިން 05 ފެބްރުވަރީ 2023 ގައި ޚިދުމަތް ފޯރުކޮށްދޭން ފެށިފަހުން މިހާތަނަށް 1374 ލައިސަންސް ވަނީ ދޫކޮށްފައެވެ. އެގޮތުން 18 މާޗް 2023 ގެ ނިޔަލަށް އަމަލީ އިމްތިހާން (ޑްރައިވިންގ) އާއި ގަވާޢިދު އިމްތިހާނު (ތިއަރީ) ހޯދުމަށް ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށާއި އަދި 18 މާޗު 2023 އާއި ހަމައަށް ލައިސަންސް ހަދައި ދިނުމުގެ މަރުހަލާގައި ޚިދުމަތް ދެމުންދަނީ 54 ލައިސަންސްއަކަށް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ތި ޕޯޓަލް ބޭނުން ކުރާގޮތް ލިޔެލަދީބަ….
އީފާސް ތެރެއިން ތިބުނާ ސިމް ޕޯޓަލް އެއް ނުފެނުނު އަދި ބުނަން ދިވެހިންނައް ހަދާފަވާ ތިޕޯޓަލް ގަ ދިވެހި ބަހުން ވެސް ފަރުމާ ކުރިނަމަ ރަންގަޅުވީސް