"ތާރުމަގު"ގެ ނަމުން މަޝްހޫރު މާލޭގެ "ބޮޑުތަކުރުފާނުމަގު"ގައި، ތާރުގަނޑު ހަލާކުވެފައިވާ ބައެއް ސަރަހައްދުތައް މަރާމާތު ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުންކޮށްފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ މާލޭގެ ވަށަމަގު (ރިންގުރޯޑް)ގައި، ސްޓެލްކޯ ބަސްހުއްޓި ހުރި ސަރަހައްދުން ހަލާކުވެފައިވާ ތަންތަން ހުރިކަމުގެ ކަންބޮޑުވުން އާންމުރައްޔިތުން ފާޅުކުރާތާ އެތައްދުވަހެއް ފަހުން، އެތަންތަން މަރާމާތުކުރީ ހޮނިހިރު ދުވަހުގެރެއެވެ.
މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން އެތަންތަން މަރާމާތުކުރީ ސިމެންތިޖަހައިގެންނެވެ.
ސިޓީ ކައުންސިލުން ސިމެންތި ބޭނުންކޮށްގެން "ތާރުމަގު" މަރާމާތުކުރިއިރު، މި ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްގެން މާލޭގެ މައި މަގެއް ކަމަށްވާ "އަމީނީމަގު" ހަދާގޮތް ކަމުނުދާތީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުވަނީ ފާޑުވިދާޅުވެފައެވެ.
މި މަސައްކަތް ކުރިއަށް ގެންދިއުމަށް މިދިޔަ ޖުލައި ތިންވަނަ ދުވަހު ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްފައިވަނީ 84 މިލިއަން ރުފިޔާ އަށެވެ.
އެމްޓީސީސީ ފަދަ ކުންފުންޏަކާ ހަވާލުކޮށްގެން، ތާރުއަޅައިގެން މަގު މަރާމާތުކުރެވެން އޮއްވާ، ސިޓީ ކައުންސިލުން މަގު މަރާމާތުކުރުމަށް ސިމެންތި ބޭނުންކުރި ސަބަބެއް އަދި ސާފެއް ނޫނެވެ. އެހެންނަމަވެސް، މަގު މަރާމާތުކުރިކަން އެކައުންސިލުންވަނީ ސޯޝަލްމީޑިއާގައި ހާމަކޮށްފައެވެ.
މީގެ ކުރިން، ސްޓެލްކޯ ބިއްދޮށުން، ފަތާ ޓްރެކް ކުރިމަތީ، "ބޮޑުތަކުރުފާނުމަގު"ގެ ދަށުގައި ވަޅުލައިފައިވާ ސްޓެލްކޯގެ ފެން ހޮޅި މަރާމާތުކުރުމަށްފަހު އެކުންފުނިންވެސް ސިމެންތި ޕެޗު އެޅިއެވެ. ނަމަވެސް، ފަހުން އެތާވަނީ ތާރުއަޅާފައެވެ.
ކިހާ ދެރަކަމެއް ????