އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ނޯތު ޑަކޯޓާއަށް ނިސްބަތްވާ އާއިލާއަކަށް، ފެމުނު މިޔަރެއް (ގްރޭޓް ވައިޓް ޝާކް)އެއް ބޭނިއްޖެއެވެ.

އެ އާއިލާއަށް ފެމުނު މިޔަރު ބޭނުނީ، ފްލޮރިޑާއަށް މަސްބާނަން ގޮސް އުޅުމުގެ ތެރޭގައެވެ. މަހަށް ނުކުމެ އުޅުނު އާއިލާގެ މެމްބަރެއްގެ ނަނުގައި އާދަޔާޚިލާފު ބޮޑު މަހެއް ގަތުމާއެކު، މަސް ބޭނުމުގައި ސާޅީހަކަށް މިނެޓް ހޭދަކުރަން ޖެހުނުކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މަސްބޭނުމުގައި އެ އާއިލާގެ އިތުރު ދެ ފިރިހެނަކު އެހީތެރިވިކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މިޔަރު ބާނަން އެހީތެރިވި ފިރިހެނުންތައް މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ، އެ އާއިލާއިން މަސްބާނަން ދިޔައީ، މަސްބޭނުމުގެ ކުޅިވަރުގެ ހިދުމަތްދޭ "ގުޑް ހިޓް ސްޕޯޓިން" ކިޔާ ކުންފުންޏެއްގެ ދަށުން "މަޖާ" ވަގުތުކޮޅެއް އާއިލާއާއެކު ހޭދަކުރުމުގެ އުއްމީދުގައި ކަމަށެވެ. އެކަމަކު، އެ މިޔަރު ބޭނުމުން، މިޔަރެއް ބޭނުމަކީ އާދަޔާ ހިލާފުކަމެއް އަދި ބޮޑު ހައިރާންކަމެއް ލިބުނު ކަމެއްގެ ގޮތުގައި އެ އާއިލާއިން ސިފަކުރިއެވެ.

ގުޑް ހިޓް ސްޕޯޓިންގެ ކެޕްޓަން ބުނި ގޮތުގައި، އޭނާގެ 20 އަހަރުގެ ތަޖުރިބާގައި، އޭނާއަށް ފެމުނު މިޔަރެއް ބޭނުނު މަންޒަރު ފެނުނީ ހަމައެކަނި ދެފަހަރެވެ. އޭގެތެރެއިން އެންމެފަހުން ފެމުނު މިޔަރެއް ބޭނިތަން އޭނާއަށް ފެނުނީ މީގެ 15 އަހަރު ކުރިންކަމަށް ބޯޓުގެ ކެޕްޓަން މައުލޫމާތުދިނެއެވެ.

އެ މިޔަރު މިހާރު ކަނޑަށް އަނބުރާދޫކޮށްލާފައިވާއިރު، އެ މިޔަރު ބޭނި އާއިލާގެ ކުޑަކުދިންތައް ވަނީ އެ މިޔަރަށް "ކޮފެކްސް ކްރަޝަރ"ގެ ނަމުން ނަންދީފައެވެ.

އެމެރިކާގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ފެމުނު މިޔަރަކީ ހިމާޔަތްކޮށްފައިވާ ބާވަތުގެ މަހެކެވެ. އެގޮތުން، އެ މިޔަރު އަނބުރާ ކަނޑަށް ދޫކޮށްލާފައިވަނީ އެ މިޔަރުގެ ބައިވަރު ފޮޓޯތަކާއި، ވީޑިއޯތައް ސޯޝަލްމީޑިއާގައި ޕޯސްޓުކުރުމަށް ފަހުއެވެ.

އެ އާއިލާގެ ކުޑަކުދިން، އެ މަސްދަތުރަކީ އެމީހުގެ ހަޔާތުގައި އެންމެ އުފާވެރި ދުވަސްކަމަށް ސިފަކުރިއެވެ.