ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވާ ދިވެހިރާއްޖޭގެ ރައީސަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވަމުން ދަނިކޮށް، ސަރުކާރު މުވައްޒަފުންނަށް "ސަޕްރައިޒެއް"ދޭން ސަރުކާރުގެ ބައެއް ކުންފުނިތަކުން ނިންމައިފިއެވެ.
ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތްވަގޮތުގެ މަތިން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ވެސް ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި ރޯދަމަސް ފެށުމުގެ ކުރިން 3000 ރުފިޔާ ދޭން ލާޒިމުކުރެއެވެ. އަމިއްލަ ބައެއް ކުންފުނިތަކުން މިއަށްވުރެ ބޮޑެތި އަދަދުތަކުން ވެސް ރޯދަ އެލަވަނަސް ދެއެވެ.
ސަރުކާރުގެ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ދޭނީ މިއަދުކަން ފިނޭންސް މިނިސްޓްރީން މީގެކުރިން ހާމަކޮށްފައިވާއިރު، ސަރުކާރުގެ ބައެއް ކުންފުނިތަކުން، އެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރޯދަ އެލަވަންސްގެ އިތުރުން، ރޯދަ ހަދިޔާއެއްގެ ގޮތުގައި އިތުރު ފައިސާ ދިނުމަށް ވަނީ ނިންމާފައެވެ.
އެގޮތުން އެމްއޭސީއެލްއިން މިއަދު ނެރުނު ސާކިއުލާއެއްގައި، ރޯދަ އިނާޔަތުގެ ގޮތުގައި ދޭ 3000 ރުފިޔާގެ އިތުރުން އެ ކުންފުނީގެ ހުރިހާ މުސްލިމް މުވައްޒަފުންނަށް އިތުރު 2000 ރުފިޔާ ދޭން ނިންމާފައިވާކަން ހާމަކޮށްފައިވެއެވެ.
މާލެ ސަރަހައްދުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ މައި ކުންފުނި، ސްޓެލްކޯއިން ވެސް ވަނީ މިފަދަ ނިންމުމެއް ނިންމާފައެވެ. ސްޓެލްކޯއިން އެ ކުންފުނީގެ މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ އިތުރުން 2500 ރުފިޔާ ވަނީ ޖަމާކޮށްދީފައެވެ.
މީގެއިތުރުން ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އަދި އެމްޓީސީސީ އިންވެސް ވަނީ މިފަދަ ނިންމުމެއް ނިންމާފައެވެ. އެގޮތުން އެމްޑަބްލިޔުއެސްސީއިން ރޯދަ އިނާޔަތުގެ އިތުރުން ކޮންމެ މުވައްޒަފަކަށް ދިން 3000 ރުފިޔާއާއެކު ޖުމުލަ 6000 ރުފިޔާ ޖަމާކޮށްދީފައިވާއިރު، އެމްޓީސީސީއިން ބުނީ އެ ކުންފުނީގެ މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ އިތުރުން 1،000 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ރޯދަ މަހު ސަރުކާރުގެ ބައެއް މުވައްޒަފުންނަށް "ރޯދަ ހަދިޔާ"އެއް ދޭން ނިންމާފައިވާއިރު، މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ނުފޫޒުފޯރުވުމަށް ސަރުކާރުން މަސައްކަތްކުރާ ކަމުގެ ތުހުމަތު، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަނީ ކުރަމުންނެވެ.
އެގޮތުން ސަރުކާރުގެ ކުންފުނިތަކާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން، މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ މަގު ހަނިކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަކަމަސް އެ ކޯލިޝަނުން މީގެކުރިން ވެސް ބުނެފައިވެއެވެ.
އިގްތިސާދީގޮތުން ރާއްޖެއަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އަދި އެކަމުގެ ތަކުލީފު އާންމު ރައްޔިތުން އުފުލަމުން އަންނަ މި ދަނޑިވަޅުގައި ސަރުކާރުގެ ބައެއް މުވައްޒަފުންނަށް ދިން މި ހަދިޔާ އަކީ، އެ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާއަށް ލިބޭނެ ބޮޑު ލުޔަކަށް ވާނެއެވެ.
މި އަހަރުގެ މުލަ ރޯދަ ދުވަސްކަމަށް ހިސާބުތަކުން ދައްކަނީ އަންނަ ބުރާސްފަތިދުވެހެވެ. އެހެންނަމަވެސް މުލަ ރޯދަ ޔަގީންވާނީ، ބުދަ ދުވަހު ހަނދުބެލުމުންނެވެ.