ޑިޖިޓަލް ލޭންޑް ސްކޭޕް ފުޅާކޮށް އިތުރަށް ހަރުދަނާކުރުމަށް ރާއްޖެ އާއި ބަހްރައިންއާ ދެމެދު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ބަޙްރައިން ޓެލެކޮމިޔުނިކޭޝަންސް ކޮމްޕެނީ (ބަޓެލްކޯ)ގެ ޗެއާމަން ޝައިޚް ޢަބްދުﷲ ބިން ޚަލީފާ އަލް ޚަލީފާ ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
މިބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ އާއި، ބަޓެލްކޯގެ ޗެއާމަން ވަނީ، ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕް ފުޅާކޮށް އިތުރަށް ހަރުދަނާކުރެއްވުމަށް، އިތުރު ދާއިރާތަކުން ގުޅުން ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ސަރުކާރުން ޓެލެކޮމިއުނިކޭޝަން ސިޔާސަތުތައް ތަންފީޒުކުރުމުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ ކަންކަން ޙިއްޞާކުރައްވައި، އެކަންކަން ކާމިޔާބު ކުރެއްވުމުގައި، ބަޓެލްކޯގެ މެނޭޖްމަންޓުން ދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ބަޙްރައިން ޓެލެކޮމިޔުނިކޭޝަންސް ކޮމްޕެނީގެ ޗެއާމަން ޝައިޚް ޢަބްދުﷲ ބިން ޚަލީފާއާއި ކުރެއްވި މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ކުރިޔަށް އޮތްތަނުގައިވެސް އެކުގައި ގާތުން މަސައްކަތް ކުރެއްވުމުގެ ޔަޤީންކަން ދެއްވަމުންނެވެ.