ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއިއެކު ކޯލިޝަން ހެދުމަށް އަދި ނުނިންމާ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް(އެމްއާރްއެމް) އިން ބުނެފިއެވެ.

އަންނަ ރިޔާސީ އިންތިހާބަށް ކުރީގައިވެސް އެކުލަވާލާފައިވާ ކޯލިޝަން އެކުގައި މަސައްކަތް ކުރެއްވުމަށް އެދި އެމްޑީޕީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްވަނީ ކޯލިޝަންގެ ޕާޓީތަކަށް ސިޓީއެއް ފޮނުއްވާފައެވެ. މިހާތަނަށް މި ސިޓީއަށް އިޖާބަދީފައިވަނީ އަދާލަތު ޕާޓީން އެކަންޏެވެ.

މިކަމާއި ގުޅިގެން އެމްއާރްއެމުން ބުނީ ޕާޓީގެ ޒައީމް އަދި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫނު އަބްދުލްގައްޔޫމާއި، ޕާޓީގެ ލީޑަރު އަހުމަދު ފާރިޝް މައުމޫނުގެ އިތުރުން ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުން މިއަދު ރައީސް ސާލިހާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ކޯލިޝަން ހެދުމަށް އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި އެހެންނަމަވެސް އެމްއާރްއެމާއި ރައީސް ސާލިހްގެ ޓީމާއި ދެމެދު ކުރިއަށް އޮތްތަނުގައިވެސް އިތުރު މަޝްވަރާތައް ބޭއްވުމަށް އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އެމްއާރްއެމުން ހާމަކުރެއެވެ.

ރިޔާސީ އިންތިހާބަށް އެމްޑީޕީއާއިއެކު ކޯލިޝަން ހެދުމަށް އެމްއާރްއެމުން އަދި ވަކިގޮތެއް ނިންމާފައިނުވާއިރު ކޯލިޝަނުގައި ދެން ހިމެނޭ ރާއްޖޭގެ ތިންވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީންވަނީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ނިންމާފައެވެ.

މި ނިންމުމާއިމެދު ހިތްހަމަ ނުޖެހިގެން އެމްޑީޕީގެ ރައީސް ސާލިހަށް ތާއީދުކުރައްވާ ބޭފުޅުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.