ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ދަނގެތި ދާއިރާގެ ރައީސްކަމުން އިސްތިއުފާދެއްވި އަބްދުﷲ ރަޝީދު (އަވަސްއަބުޅޯ)، އެޕާޓީން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއިކުރައްވައިފިއެވެ.

އަބްދުﷲ އެމްޑީޕީގެ ދާއިރާގެ ރައީސްކަމުން އިސްތިއުފާދެއްވީ، ޑިމޮކްރެޓިކް ހަމަތަކާ ބީރަށްޓެރި ސިފަތަކެއް އެޕާޓީން ފެންމުންދާ ކަމަށް ވިދާޅުވެއެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި އެކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލަށް އޭނާ ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ، އެމްޑީޕީއަކީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތައް ނަގަހައްޓައި އެހަމަތަކާއި އުސޫލުގެމަތިން މިހާތަނަށް ހިންގަމުންދިޔަ ހަރުދަނާ އެއްބައިވަންތަ ޕާޓީއެއް ކަމަށާއި ނަމަވެސް މިއަދު ޕާޓީތެރެއިން ވަނީ ޑިމޮކްރެޓިކް ހަމަތަކާއި ބީރައްޓެހި ސިފަތަކެއް ފެންނަން ފަށާފައި ކަމަށެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގައި ވާދަކުރެއްވުމަށް، އެމްޑީޕގެ ޓިކެޓް ކާމިޔާބު ކުރެއްވި ރައީސް ސޯލިހް ޕްރައިމަރީ ކާމިޔާބު ކުރެއްވުމާއެކު، އާންމު މެމްބަރުންނަށް ދައްކަވަމުން ގެންދެވި ތަސައްވުރަކީ ފުޅާ ކޯލިޝަނެއްގައި ނުކުމެވަޑައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެކަމުގެ ތަސައްވުރު ކަމަށް އޭނާ އެސިޓީގައި ލިޔުއްވާފައި ވެއެވެ.

ނަމަވެސް މިއަދާ ހަމައަށް ހަރުދަނާ ސިޔާސީ ޕާޓީއަކުން އެމްޑީޕީގެ ކެންޑިޑޭޓާއެކު ރިޔާސީ އިންތިޙާބަށް ނުކުންނެވުމަށް ބައިއަތު ހިއްޕަވާފައި ނުވާއިރު، ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން އެޕާޓީން ފެޔަށްޖެހެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ އިސްތިއުފާދެއްވަން ނިންމެވީ ކަންކަން އެމަގުން ހުރުމުން ކަމަށް ސީޓީގައި ވެއެވެ.

މަގާމުން އިސްތިއުފާދެއްވިތާ މާގިނަ ދުވަހެއް ނުވެ، މިއަދު އަބްދުﷲ ވަނީ ރާއްޖޭގެ ތިންވަނައަށް އެންމެ ބޮޑު ޕާޓީ ޖޭޕީއަށް ސޮއިކުރައްވާފައެވެ.

މިފަހަކަށް އައިސް ގިނަ ބަޔަކު ޖޭޕީގެ ސިޔާސަތުތައް ގަބޫލުކޮށް އެޕާޓީއާ އަންނަނީ ގުޅެމުންނެވެ.

ރައީސް ސޯލިހް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރެއްވީ ވޯޓަށް ނުފޫޒުފޯރުވައި، އިންތިޚާބު އޮޅުވާލައިގެން ކަމަށް އެޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ތުހުމަތުކުރެއެވެ.

އެމްޑީޕީ ދެ ބަޔަކަށް ބެހިފައިވާއިރު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ ބޭފުޅުން އެ އިންތިޚާބުގެ ނަތީޖާއާމެދު އަންނަނީ ސުވާލު އުފައްދަމުންނެވެ.

މިހާތަނަށް އައިއިރު އެބޭފުޅުން ތިއްބެވީ ރައީސް ސޯލިހަށް ތާއިދު ދެއްވާ ގޮތަކަށް ނޫނެވެ.