ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީއަކަށް އެމަނިކުފާނުގެ އެޑްވައިޒަރުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު އައްޔަންކުރައްވައިފިއެވެ.

އިލްހާމް އެމަގާމަށް އައްޔަންކުރެއްވިކަން އިއުލާކުރައްވާފައިވަނީ މިއަދު މެންދުރުފަހު ބޭއްވި ޖޭޕީގެ 152 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ.

ސްޕެޝިއަލް އެންވޯއީގެ މަގާމަށް އިލްހާމް ހަމަޖެއްސުމާއެކު، ކުރިން އޭނާ ހުންނެވި ގާސިމްގެ އެޑްވައިޒަރުގެ މަގާމުން ވަނީ އިސްތިއުފާ ދެއްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރުކަން ކުރެއްވި އިލްހާމް އަހްމަދު ޖޭޕީއާ ގުޅިވަޑައިގަތީ 2018 ވަނަ އަހަރުގައެވެ. އޭނާ ޖޭޕީއަށް ގުޅިވަޑައިގެންފަހުން މިހާތަނަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ޖޭޕީގެ ލީޑަރުގެ އަރިސްބޭފުޅެއްގެ ގޮތުގައެވެ.

އިލްހާމްވަނީ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ކަމާއި، ދަނގެތީ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައެވެ.

އޭނާވަނީ ޑީއާރްޕީގެ ޑެޕިޔުޓީ ލީޑަރު ކަމާއި، ޕީޕީމްގެ ޑެޕިޔުޓީ ލީޑަރުކަމާއި، ޖޭޕީގެ ޑެޕިޔުޓީ ލީޑަރުކަމުގެ މަގާމްވެސް އަދާކުރައްވާފައެވެ. މީގެ އިތުރުން އެފްއޭއެމްގެ ރައީސްކަންވެސް ކުރެއްވިއެވެ.

ޖޭޕީން މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާއިރު، އެކަމުގައި ޖޭޕީގެ ލީޑަރާ އެންމެ އަރިހުން މަސައްކަތް ކުރައްވަމުން ގެންދަވާ އެއް ބޭފުޅަކީވެސް އިލްހާމެވެ. އެގޮތުން މިފަހުން ސިޔާސީ ބައެއް ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުންތަކުގައި ގާސިމްގެ އަރިހުގައި އޭނާ ހުންނެވިއެވެ.