ރާއްޖޭގައި މުޅިން އަލަށް ފުޓްސެލްގެ ގައުމީ ލީގެއް ބާއްވަން ނިންމައި މި ކުޅިވަރުގެ މިސްރާބު އިންގިލާބީ ބޮޑު ބަދަލަކާއި ދިމާލަށް އަމާޒު ހިފައިފިއެވެ.
ފުޓްސެލްގެ ގައުމީ ލީގެއް ބާއްވަން ނިންމާފައިވާކަން އިއުލާނުކޮށްފައިވަނީ، ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއެކު ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ބޭއްވެވި މަޝްވަރާ ބައްދަލުވުމަކަށްފަހު ކުރެއްވި ޓުވީޓެއްގައެވެ.
މިކަމަށް މަރުހަބާ ކިޔާ ކުރެއްވި ޓުވީޓެއްގައި ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވީ، ފޯރިގަދަވަމުން އަންނަ ފުޓްސަލްގެ ގައުމީ ލީގެއް ރާއްޖޭގައި މުޅިން އަލަށް ފެށުމަށް ނިންމާފައިވާތީ އެކަމަށް ކުޅިވަރާއި ބެހޭ މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.
ސަރުކާރުން ކުޅިވަރަށް ދީފައިވާ އަހައްމިއްޔަތުގެ ތެރެއިން މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމްކުރެވިގެން ދިޔަ ފުޓްސެލް ދަޑުތަކާއިއެކު ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ފުޓްސެލްއަށް ލިބިގެންދިޔަނަމަވެސް އަދި މިހާތަނަށް ގައުމީ ފެންވަރުގައި މިކަމަށް ސަރުކާރުން އިޖާބަދީފައެއް ނުވެއެވެ.
ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ފުރިހަމަ ބައިވެރިވުން އޮވެގެން މިހާތަނަށް ބޭއްވި ހަމައެކަނި ފުޓްސަލް މުބާރާތަކީ 2017 ވަނަ އަހަރު އޮފީސްތަކަށް ހުޅުވާލައިގެން ހެންވޭރު ދަނޑުގައި ކުރިއަށް ދިޔަ ޕްރެޒިޑެންޓްސް ފުޓްސަލް ކަޕެވެ.
ސަރުކާރުން ފުޓްސެލް ދަޑުތައް ތަރައްގީކުރުމަކީ ރާއްޖެއިން ފުޓްބޯޅަ އުވިގެން ދިއުމުގެ ފެށުން ކަމަށް ބުނެ މީގެ ކުރިން ގިނަ ބަޔަކުވަނީ ސަރުކާރަށް ފާޑުކިޔުންތައްވެސް އަމާޒުކޮށްފައެވެ. އެހެންނަމަވެސް މިއަދު މިނިންމި ނިންމުމާއިއެކު ރާއްޖޭގެ ކުޅިވަރުގެ އަމާޒު އެހެން ހަރުފަތަކަށް ގެންގޮސްދިނުމަށް އެހީތެރިވެދޭނެ ކަމަށް ރާއްޖޭގެ ކުޅިވަރުގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މީގެ ކުރިން 2015ވަނަ އަހަރު ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ އެންގުމުގެ މަތިން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދު އިސްލާހުކުރިއިރު ސަބް އެސޯސިއޭޝަންތަކުގެ ތެރޭގައި ފުޓްބޯޅަ އެސޯސިއޭޝަނުގެ ފުޓްސަލް އެސޯސިއޭޝަނެއް ވެސް ވުޖޫދަށް އައިސްފައިވެއެވެ.
ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުން މިއަހަރު މެދުތެރޭގައި ފެށުމަށް އަމާޒު ހިފާފައިވާ ގައުމީ ފުޓްސަލް ލީގަކީ ރޭންކިން މުބާރާތެއް ކަމަށާއި ސްޕޯޓްސް ކޮމިޝަންގައި ރަޖިސްޓްރީވެފައިވާ ކޮންމެ ކްލަބަކަށް މި މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް އެ އެސޯސިއޭޝަނުން ހާމަކުރެއެވެ.
އެއްވެސް ކުޅިވަރެއް ތަފާތުނުކޮށް ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބޮޑު ބަދަލެއް ސަރުކާރުން ގެނެސްދީފި ކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަހުމަދު މަހުލޫފު ވަނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023ގައި ދެއްކެވި ވާހަކައިގެ ތެރޭގައި ވިދާޅުވެފައެވެ.
މި ހަފްލާގައި މަހުލޫފްވަނީ ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ މައްޗަށާއި ކުޅިވަރުން ގެނެސްދެވުނު ކާމީޔާބީތަކުގެ މައްޗަށް ވަރަށް ތަފްސީލީ ގޮތެއްގައި އަލިއަޅުވާލައްވައި ވާހަކަ ދައްކަވާފައެވެ.
އެހެން ނަމަވެސް މި ދިޔަ އަހަރު ބޭއްވި 2021 ވަނަ އަހަރުގެ ސްޕޯޓްސް އެވޯޑާއި މިއަހަރު ނިމިގެންދިޔަ 2022 ވަނަ އހަރުގެ ސްޕޯޓްސް އެވޯޑުގައިވެސް ފުޓްސެލްގެ ކާމިޔާބީ ފާހަގަކޮށް އެވޯޑެއް ލިބިފައިނުވާތީ ފުޓްސެލްގެ ދާއިރާގައި ފައި ހަރުކުރަމުން އަންނަ ޒުވާން ކުޅުންތެރިންނަށްވަނީ މާޔޫސްކަމަކާއި ކުރިމަތިލާން ޖެހިފައެވެ.
ފުޓްސެލްގެ ކާމިޔާބީތައް ސްޕޯޓްސް އެވޯޑްގައި ފާހަގަ ނުކުރި ސަބަބެއްކަމަށް ސަރުކާރުން ދެއްކި ބަހަނާއަކީ ފުޓްސެލްގެ ގައުމީ މުބާރާތެއް އަދި ރާއްޖޭގައި ވުޖޫދުވެފައިނެތުމެވެ.
އެހެންނަމަވެސް މިއަދު މި އެޅި ފިޔަވަޅާއިއެކު ރާއްޖޭގެ ފުޓްސެލްގެ ކާމިޔާބީ ސަރުކާރުން ސިފަކުރާކުރުމަށް އަންނަ ބަދަލުތަކަށް ކުޅިވަރު ދިރާސާކުރާ ފަރާތްތަކުގެ ކަޅި ވަނީ އަމާޒުވެފައެވެ.
ސަރުކާރުގެ ކުޅިވަރު ސިޔާސަތައް މިހާރުވެސް ފާޑުކިޔުންތައް އަމާޒުވާއިރު ރާއްޖޭގައި ރަސްމީ ފެންވަރުގައި ފުޓްބޯޅަ ނުކުޅޭތާ ގިނަ ދުވަސްތަކެއް ވުމާއިއެކު މި ދަނޑިވަޅަކީ ރާއްޖޭގެ ފުޓްބޯޅައިގެ ދާއިރާގައި ހިމެނޭ ގިނަ ފަރާތްތަކަކުން ނުރުހުން ފާޅުކުރަމުން އަންނަ ދަނޑިވަޅެކެވެ.