- ލޯނުގެ ސަބަބުން އިގްތިސާދު އަލުން ކޮޅަށްޖެހުމަށް މަގުފަހިވެގެންދާނެ: ރަނިލް
ސްރީލަންކާއަށް 3 ބިލިއަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓެއް ދިނުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ފާސްކޮށްފިއެވެ.
މިއީ، ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ އަޑިގަނޑުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ދޭން ނިންމި ލޯނެކެވެ.
48 މަސްދުވަހަށް ބަހާލައިގެން ދިނުމަށް ކަނޑައެޅި މި ލޯނުގެ ތެރެއިން 330 މިލިއަން އެމެރިކާ ޑޮލަރު ކުރިއަށްއޮތް ދެދުވަހުގެ ތެރޭގައި ސްރީލަންކާ ސަރުކާރަށް ދޭނެއެވެ.
އަދި ސްރީލަންކާއަށް ގެންނަ އިގްތިސާދާ ގުޅުންހުރި އިސްލާހްތައް ހަމަހުން ހަމަހުން މުރާޖައާކޮށް، ބާކީ ލޯނު ފައިސާ ބައިތަކަކަށް ބަހާލައިގެން ދެމުންގެންދާ ގޮތަށް ވަނީ ކަނޑައަޅާފައެވެ.
3 ބިލިއަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓެއް ދިނުމަށް އައިއެމްއެފުން ނިންމުމާ ގުޅިގެން ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަވަނީ އައިއެމްއެފަށް ޝުކުރު އަދާކުރައްވާފައެވެ.
މިކަމުގެ ސަބަބުން، ސަރުކާރުގެ އިގްތިސާދީ އިސްލާހީ އެޖެންޑާ ކާމިޔާބުކޮށް، ގައުމުގެ އިގްތިސާދު އަލުން ކޮޅަށްޖެހުމަށް މަގުފަހި ވެގެންދާނެ ކަމަށް، ރަނިލް ވިކްރަމަސިންހަ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ސްރީލަންކާއަށް 3 ބިލިއަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓެއް ދިނުމަށް ނިންމީ، ހަރުކަށި ޝަރުތުތަކަކާ އެކުގައެވެ. އޭގެތެރޭގައި، ޓެކްސް ނެގުން އިސްލާހްކުރުމާއި، ފަގީރުންގެ އިޖުތިމާއީ ރައްކާތެރިކަމާއި، ޚާއްސަކޮށް ކޮރަޕްޝަން ނައްތާލުމުގެ އިސްލާހްތައް ގެނައުން ހިމެނެއެވެ.
ސްރީލަންކާ އިގްތިސާދީ ކާރިޘާއެއްގެ ތެރެއަށް ވެއްޓިގެންދިޔަ މައިގަނޑު ސަބަބެއް ކަމަށް ގަބޫލުކުރެވިފައިވަނީވެސް ކޮރަޕްޝަންގެ ކަންތައްގަނޑު ބޮޑުވެގެން ދިއުމެވެ.
46 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަންޏާއެކު ސްރީލަންކާ ޑިފޯލްޓަކަށް ދިޔައީ މިދިޔަ އަހަރުގެ އޭޕްރީލްމަހުއެވެ. އޭގެތެރެއިން 14 ބިލިއަން ޑޮލަރަކީ ބޭރު ގައުމުތަކުގެ ސަރުކާރުތަކަށް ދައްކަންޖެހޭ ދަރަންޏެވެ. 14 ބިލިއަން ޑޮލަރުގެ 52 އިންސައްތަ ދައްކަންޖެހެނީ ޗައިނާ ސަރުކާރަށެވެ.
22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާ ސަރުކާރުން އައިއެމްއެފްގެ އެހީއަށް އެދުނީ، އިގްތިސާދު ފޫވެއްޓި، ގައުމުން ކާބޯތަކެތި ހުސްވެ، ތެލާއި ބޭހަށްޖެހި، ކަރަންޓުގެ ޚިދުމަތްފަދަ އަސާސީ ޚިދުމަތްތަކުން ރައްޔިތުން މަހްރޫމްވެ، އިންފްލޭޝަން އިންތިހާއަށް މައްޗަށް ދިއުމުން، ގައުމު ސަލާމަތްކުރުމަށްޓަކައެވެ.
އިގްތިސާދު މެނޭޖް ނުކުރެވި، ގައުމުގެ ހާލަތު ގޯސްވެ ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާކުރަން ފެށުމުގެ ނަތީޖާއަކަށްވީ، ރައީސްކަމުގައި ހުންނެވި ގޮޓަބާޔަ ރާޖަޕަކްސަ މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ފިއްވަލައިގެން ގައުމުން ބޭރަށް ވަޑައިގެން ރައީސްކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތުމެވެ.
ގޮޓަބާޔަ ރާޖަޕަކްސައަށްފަހު ސްރީލަންކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ރަނިލް ވިކްރަމަސިންހަވަނީ، އައިއެމްއެފްގެ އެހީތެރިކަން ހޯދުމަށް މަގުފަހި ކުރެއްވުމުގެ ގޮތުން، ސަރުކާރުގެ ޚަރަދުތައް އެތައްތަނުން ކުޑަކުރައްވައި، ޓެކްސްތައް އެތައްތަނުން ބޮޑުކުރައްވާފައެވެ.