ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުން ޕާޓީން ވަކިވެގެން ދިޔަސް އަންނަ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ނިންމާފައިވާ ނިންމުމަކަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އެޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަމީން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނިންމެވުންތައް އެކި ޕްރެޝަރުތަކާއި ގުޅިގެން މި މޫސުމުގައި ތަންކޮޅެއް ތަފާތު ގޮތްގޮތައް އެނބުރޭތަން ފެނުމަކީ އައު ކަމެއް ނޫންކަމަށެވެ.
އަދި އެއީ ޖަހާފައިއޮތް ހިސާބެއް ކަމަށާއި އެއިން ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް ޕާޓީން ނިންމާފައިވާ ނިންމުމަށް އެއްވެސް އަސަރެއް ނުކުރާނެކަމަށާއި ޖުމްހޫރީ ޕާޓީ ދާނީ އިރާދަކުރެއްވިއްޔާ ކުރިއަށްކަމަށްވެސް އަމީން ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުން ޕާޓީން ވަކިވެގެން ދަނީ ސިޔާސީ ނުފޫޒުންކަމަށް ތުހުމަތު ކުރައްވައި އެކަމުގެ ސަބަބުން ޕާޓީގެ ނިންމުމަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް އަމީން ވިދާޅުވިއިރު، ޕާޓީގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަދި ޖޭޕީގެ ސްލޮޓެއްގައި ސަރުކާރުގެ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމު ފުރުއްވަމުން ގެންދަވާ މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) ވަނީ ޕާޓީން ވަކިވެފައެވެ.
އަދި ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމުމާއިއެކު ޖެޕީގެ ސްލޮޓެއްގައި ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމު ފުރަމުން ގެންދިޔަ އަހުމަދު ސަމީވެސް ވަނީ ޕާޓީން ވަކިވެފައެވެ.
ޕާޓީން ވަކިވި ސަބަބު ހަނަފީ އަދި ރަސްމީ ސިފައެއްގައި ހާމަކޮށްފައިނުވާއިރު ސަމީރު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހާއިއެކު މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށާއި އެހެންކަމުން 2023ގެ އިންތިހާބީ މަސައްކަތްތައް ޕާޓީގައި ހިނގަމުންދާ ދަނޑިވަޅެއްގައި ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅުކަމަށް ނުވާތީ ޕާޓީން އިސްތިއުފާ ދެއްވަން ނިންމަވާކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ މަގާމުތައް ފުރުއްވާ ބޭފުޅުން ޕާޓީން ވަކިވަމުންދާ މި ދަނޑިވަޅަކީ ޖުމްހޫރީ ޕާޓީން އިންތިހާބުގައި ވާދަކުރުމަށް ނިންމުމުން ރައީސް ސާލިހް ނިސްބަތްވާ އެމްޑީޕީ ފެކްޝަނުގެ ނުރުހުން ޖުމްހޫރީ ޕާޓީއަށް އަމާޒުވެ ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ތިއްބެވި ބޭފުޅުން މަގާމުތަކުން އިސްތިއުފާދޭން ގޮވާލަމުންދާ ދަނޑިވަޅެކެވެ.