ފުރައްސާރައާއި ގޮންޖެހުންތަކާއެކު ވެސް، ކާމިޔާބު ކެރިއަރެއް ހޭދަކުރުމަށްފަހު ޖަރުމަނުގެ ފުޓުބޯޅަ ތަރި މެސަޓް އޮޒިލް، ޕްރޮފެޝަނަލް ފެންވަރުގައި ފުޓުބޯޅަ ކުޅުން ހުއްޓާލައި، ރިޓަޔަރމަންޓް އިއުލާނުކޮށްފިއެވެ.

މިކަން ހާމަކޮށް މީސްމީޑިއާގެ މަންސަތަކުގައި އޮޒިލް އާންމުކުރި މެސެޖެއްގައި ބުނީ، ޕްރޮފެޝަނަލް ފެންވަރުގައި ފުޓުބޯޅައިން ރިޓަޔަރކުރާކަން އިއުލާނުކުރާ ކަމަށާއި، މިއީ ވަރަށް ބޮޑަށް ވިސްނުމަށްފަހު ނިންމި ނިންމުމެއްކަމަށެވެ.

ގާތްގަނޑަށް 17 އަހަރު ޕްރޮފެޝަނަލް ފެންވަރުގައި ފުޓުބޯޅަ ކުޅުމުގެ ފުރުސަތު ލިބުން އެއީ ލިބުނު ބޮޑު ޝަރަފަކާއި ފަހުރެއް ކަމަށާއި، އެކަމަށް ޝުކުރުވެރިވާ ކަމަށެވެ. ފާއިތުވީ ދުވަސްތަކުގެ ތެރޭގައި ކުރިމަތިވި އެކިއެކި ކަންކަމާއި، ހާއްސަކޮށް އަނިޔާގެ އެކި މައްސަލަތައް ކުރިމަތިވެފައިވާތީ، މިއީ ފުޓުބޯޅައިގެ އެންމެ މަތީ ހަރުފަތުން ފައިބައި، ރިޓަޔަރކުރަންވީ ވަގުތުކަން ގަބޫލުކުރެވިއްޖެކަމަށް އޮޒިލް ބުނެފައިވެއެވެ.

17 އަހަރުގެ ދިގު ކެރިއަރުގައި، އުފަލާއި ހިތާމަ އެކުލެވޭހެން ގިނަ ތަޖުރިބާތަކެއް ކުރެވުނުކަމާއި، ހަނދާނުން ފޮހެނުލެވޭނެ އެތައް ކަމެއް ތަޖުރިބާކުރަން ޖެހުނުކަން އޮޒިލް ފާހަގަކޮށްފައިވެއެވެ.

މި ވީ މުއްދަތުގެ ތެރޭގައި އޭނާ ކުޅުނު ކުލަބުތަކާއި (ޝާލްކެ 04، ވާޑާ ބްރެމެން، ރެއާލް މެޑްރިޑް، އާސެނަލް، އަދި ތުރުކީގެ ކުލަބުތައް) އޭނާއަށް އިރުޝާދުދިން ކޯޗުންނާއި، ސަޕޯޓަރުންނަށް އަދި ޓީމް މޭޓުންނަށް ހާއްސަ ޝުކުރެއް އަދާކުރަން ބޭނުންވާކަމަށް އޮޒިލް ބުންޏެވެ.

ހަޔާތުގެ ކުރިއަށްއޮތް ސަފްޙާގައި ދެން ބޭނުންވަނީ، އާއިލާއާއެކު ވަގުތުހޭދަކުރަން ކަމަށާއި، ސަޕޯޓަރުންނާ އެކިއެކި ގޮތްގޮތުން ބައްދަލުވާނެކަމަށް އުއްމީދުކުރާކަމަށް އޮޒިލް ބުނެފައިވެއެވެ.

މި ޖީލުގެ ފުޓުބޯޅައިގެ "އެސިސްޓް ކިންގް" ކަމަށް ބުނާ، ފުޓުބޯޅައިގެ ދުނިޔޭގައި ގިނަ ބައެއްގެ އިޙްތިރާމް ހޯދާފައިވާ އޮޒިލް އޭނާގެ ސީނިއާ ފުޓުބޯޅަ ކެރިއަރު ފެށީ ޝާލްކޭއިން 2005 ވަނަ އަހަރުއެވެ. އޭނާ ކެރިއަރު ނިންމާ މިލަނީ ތުރުކީގެ އިސްތާންބުލް ބަޝަކްޝެހިރަށް ކުޅެމުންދަނިކޮށެވެ.

އާސެނަލްގައި ކުރިމަތިވި ފުރައްސާރައާއި ގޮންޖެހުންތަކުގެ ސަބަބުން އޭނާ ތުރުކީ ލީގުގައި ކުޅެން ފެށީ 2021 ވަނަ އަހަރުއެވެ. އެންމެފުރަތަމަ ތުރުކީގައި އޭނާ ކުޅުނީ ފެނާރްބަޗޭ އަށެވެ.

މީސްމީޑިއާގެ އެކައުންޓްތައް ބޭނުންކޮށްގެން ޗައިނާގެ މުސްލިމުންގެ ހައްގުގައި އަޑުއުފުލަން ފެށުމުން އާސެނަލް އިންވަނީ އޮޒިލް ބާކީކޮށް، އެކުލަބާއެކު ކުރިއަށްދިއުމުގެ މަގު ހަނިކޮށްފައެވެ.

އެފަހުން، ޖަރުމަނުގެ ގައުމީ ޓީމުންނާއި އެ ގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަނުންވެސް އޮޒިލް އަށް އެމީހުންގެ "ނުލަފާކަން" ދައްކާލިއެވެ. ތުރުކީގެ ރައީސް، އުރުދުގާން އާއެކު އޮޒިލް ނަގާފައިވާ ފޮޓޯއެއް މީސްމީޑިއާގައި ދައުރުވާން ފެށުމުން، އޮޒިލް އަކީ ގައްދާރެއް ކަމަށް ޖަރުމަނުގައި އަޑު ފެތުރެން ފެށިއެވެ. އާންމުންގެ ތެރެއަށް ވުރެން ބޮޑަށް މަތިފަޑީގައެވެ.

އޮޒިލް ހާމަކޮށްފައިވާ ގޮތުގައި އެފްއޭގެ އިސް ވެރިންގެ ފަރާތުންވެސް ނަސްލީ ގޮތުން ތަފާތު ކުރުމާއި، ފުރައްސާރަކުރުން އިންތިހާއަށް ގިނަ ވީއެވެ.

މިފަދަ އެތައް ގޮންޖެހުންތަކާއެކު ވެސް، ކާމިޔާބުކެރިއަރަކަށްފަހު އޮޒިލް ފުޓުބޯޅަކުޅުން ހުއްޓާލިއިރު، ފުޓުބޯޅައިގައި ކުލަބު ފެންވަރުގައިއާއި، ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ޖަރުމަނާއެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމެވެ.