ސްރީލަންކާގެ ކުރީގެ ރައީސް އަދި ކުރިން ތިން ފަހަރެއްގެމަތިން ބޮޑުވަޒީރުކަން ކުރެއްވި މަހިންދަ ރާޖަޕަކްސައާއި، އަދި އޭނާގެ ކޮއްކޯފުޅު ކުރީގެ ފިނޭންސް މިނިސްޓަރ ބަސިލް ރާޖަޕަކްސަ ސްރީލަންކާއިން ފުރުން މަނާކޮށްފައި އޮތް އޮތުން ސްރީލަންކާގެ ސުޕްރީމް ކޯޓުން އުވާލައިފިއެވެ.
ސުޕްރީމް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަހިންދަ ރާޖަޕަކްސައާއި، ބަސިލް ރާޖަޕަކްސަ ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށްފައި އޮތުމުގެ ބޭނުމެއް މިހާރު ނެތް ކަމަށާއި، އެނިންމުން ބާތިލްކޮށްފައިވާ ކަމަށެވެ.
މަހިންދަ ރާޖަޕަކްސައާއި، ބަސިލް ރާޖަޕަކްސަ، ސްރީލަންކާއިން ފުރައިގެން ދިއުން ސުޕްރީމް ކޯޓުން މަނާކުރީ، މިދިޔަ 2022 ވަނަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ.
ސުޕްރީމް ކޯޓުން އެބޭފުޅުން ފުރުން މަނާކުރީ، ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކާރިޘާތައް ތަހްގީގު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުނު އެތައް މައްސަލަތަކާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތަކުގައި ބުނެފައިވަނީ، ސްރީލަންކާއަށް ދިމާވެފައިވާ ބޭރުގެ ދަރަނި ދެއްކުމާއި، ލޯނު ދެއްކުމާއި، ސްރީލަންކާއަށް މިހާރު ދިމާވެފައިވާ އިގްތިސާދީ ކާރިޘާގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭ ފަރާތްތަކަކީ މަހިންދަ ރާޖަޕަކްސައާއި، ބަސިލް ކަމަށެވެ.
މަހިންދަ ރާޖަޕަކްސައާއި، ބަސިލް ސްރީލަންކާއިން ފުރުން ޖުލައިމަހުގެ 15 ވަނަ ދުވަހު މަނާކުރިއިރު، ސްރީލަންކާގެ ރައީސްކަމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޮޓަބާޔަ ރާޖަޕަކްސަވަނީ އޭގެކުރީދުވަހު، ސްރީލަންކާ ސިފައިންގެ އެހީގައި އަސްކަރީ ޖެޓެއްގައި ދިވެހިރާއްޖެ ވަޑައިގަތުމަށްފަހު ސައުދީ އެއަރލައިންގެ މަތިންދާ ބޯޓެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ.
ގޮޓަބާޔަ ރާޖަޕަކްސަ ސްރީލަންކާގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައިވަނީ ސިންގަޕޫރަށް ވަޑައިގަތުމަށްފަހުގައެވެ.
އަދި ސިންގަޕޫރުގައި ހުންނެވުމަށްފަހު އޭގެފަހުން ތައިލެންޑްގައި ދުވަސްކޮޅެއް ހާދަކުރެއްވުމަށްފަހު ގޮޓަބާޔަ ރާޖަޕަކްސަވެސް މިހާރު ހުންނެވީ ސްރީލަންކާގައެވެ.
ސަރުކާރާ ދެކޮޅަށް އާންމުން މަގުތަކަށް ނުކުމެ ފެށި ވަރުގަދަ މުޒާހަރާތައް މައިތިރި ނުކުރެވިގެން ގޮޓަބާޔަ އަންގަވައިގެން މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ މެއިމަހުގެ 9 ވަނަ ދުވަހުއެވެ.
ރައީސް ގޮޓަބާޔަ ގައުމު ދޫކުރައްވައި ވަޑައިގެންނެވީ، މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވި ނަމަވެސް، ސްރީލަންކާގެ ހާލަތު ރަނގަޅުނުވެ ރައްޔިތުންގެ ރުޅި އިންތިހާއަށް މައްޗަށްގޮސް، ޖުލައިމަހުގެ ތެރޭގައި އާންމުން ސަރުކާރާއި ދައުލަތުގެ ތަންތަން ހިސާރުކޮށް ރިޔާސީ ގަނޑުވަރު ވަށާލުމުންނެވެ.
ސްރީލަންކާގެ ރައީސްކަމަށް ރަނިލް ވިކްރަމަސިންހަ ވަޑައިގެން ސަރުކާރު ބަދަލުވި ނަމަވެސް، ވެރިކަމުގެ ބާރުތައް އަދިވެސް އޮތީ ރާޖަޕަކްސަ އާއިލާއަށެވެ.
ސްރީލަންކާ ޕާލަމެންޓްގެ އަޣުލަބިއްޔަތު މިހާރުވެސް އޮތީ، މަހިންދަ ރާޖަޕަކްސަގެ ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީއަށެވެ.
އޭނާ ވިދާޅުވެފައިވަނީ، ސިޔާސީ މައިދާނުން ދުރަށް ވަޑައިގަތުމަށް އަދި ގަސްދު ނުކުރައްވާ ކަމަށެވެ.