ރާއްޖޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީ ކަމަށްވާ އައްޑޫ ސިޓީ ތަރައްގީކުރެވޭނީ ހަމައެކަނި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދޭ ފުރުސަތަކުން ކަމަށް އެސިޓީގެ މޭޔަރު ދެކުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށް، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިމޭރުމުން، އައްްޑޫ ސިޓީ މޭޔަރު އަލީ ނިޒާރަށް ބަހުގެ ހަމަލާއެއް ރައްދުކުރެއްވީ، ރައީސް ސޯލިހަށް ދެވަނަ ދައުރެއް ނުދީ އައްޑޫ ސިޓީގެ ތަރައްގީގެ ވާހަކަދެއްކެން ނެތް ކަމަށް އޭނާ ވިދާޅުވުމުންނެވެ. ނިޒާރު ވަޓްސްއަޕް ގުރޫޕަކަށް ފޮނުވި މެސެޖެއްގައި ލިޔުއްވާފައިވަނީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ނުލިބި އައްޑޫ ސިޓީ ގަމުގެ އެއާޕޯޓު ތަރައްގީކުރާ ވާހަކަދެއްކެން ނެތް ކަމަށް ރައީސް ނަޝީދަށް ދެންނެވުމަށެވެ.

ގުރޫޕް ޗެޓެއްގައި އޭނާ ލިޔުއްވީ އެމެސެޖުގެ ސްކްރީން ޝޮޓެއް ޓްވީޓަރގައި ހިއްސާކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ، އައްޑޫ ތަރައްގީކުރެވޭނީ ހަމައެކަނި ރައީސް ސޯލިހަށް ދޭ ފުރުސަތަކުން ކަމަށް އެސިޓީގެ މޭޔަރު ދެކުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ. އަދި ނިޒާރަށް މުހާތަބުކުރައްވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، "މަނިކުފާނާއި އަޅުގަނޑުގެ ފަހުންވެސް އައްޑޫ އާއި މިރާއްޖެ އޮންނާނެ" ކަމަށެވެ.

މިފަހަކަށް އައިސް ރައީސް ނަޝީދު އަންނަނީ ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބުގައި ވާދަކުރެއްވުމަށް، އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރެއްވި ރައީސް ސޯލިހް އެޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވުމާއެކު، އެމްޑީޕީގެ ތެރޭގައިވަނީ ނުތަނަސްވަކަން އުފެދިފައެވެ.

ރައީސް ސޯލިހް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރެއްވީ ވޯޓަށް ނުފޫޒުފޯރުވައި، އިންތިޚާބު އޮޅުވާލައިގެން ކަމަށް އެޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ތުހުމަތުކުރެއެވެ.

އެމްޑީޕީ ދެ ބަޔަކަށް ބެހިފައިވާއިރު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ ބޭފުޅުން އެ އިންތިޚާބުގެ ނަތީޖާއާމެދު އަންނަނީ ސުވާލު އުފައްދަމުންނެވެ.

މިހާތަނަށް އައިއިރު އެބޭފުޅުން ތިއްބެވީ ރައީސް ސޯލިހަށް ތާއިދު ދެއްވާ ގޮތަކަށް ނޫނެވެ.