އަހަރެމެންގެ ގާތަށް ރަމަޟާން މަސް އަތުވެއްޖެއެވެ. މިއީ ބަރަކާތްތެރި މައްސަރެކެވެ. މިމައްސަރުގައި ﷲ عز وجل ވަނީ އަހަރެމެންގެ މައްޗަށް ރޯދަ ފަރުޟު ކުރައްވާފައެވެ. މިމައްސަރުގައި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވައި ނަރަކައިގެ ދޮރުތައް ލެއްޕެވެއެވެ. އަދި ޝައިޠާނުންގެ މަރަދަތައް ކަސްތޮޅު އެޅުވެއެވެ. މިމައްސަރުގައި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް ﷲ ލައްވާފައިވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމްވެއްޖެ މީހާއަކީ ހަމަކަށަވަރުން އެންމެހައި ހެޔޮކަމަކުން މަޙްރޫމް ވެއްޖެ މީހެކެވެ.
1444ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޯދައިގެ ފަރުޟު އާދާކުރަން އަހަރެމެން މިވަނީ ފަށާފައެވެ. އެނގޭ ހެއްޔެވެ؟ އަހަރެމެންގެ ރޯދައާއި ފޮތުގެ އަހުލުވެރިންގެ (އެބަހީ؛ ޔަހޫދީންނާއި ނަޞާރާއިންގެ) ރޯދައާއި ދެމެދުގައިވާ ތަފާތެއް ވެއެވެ. އެއީ ހާރު ކެއުމެވެ.
ރޯދަވެރިޔާ ހާރުކެއުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިޔަބައިމީހުން ހާރު ކާށެވެ. ފަހެ ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތްތެރި ކަމެއްވެއެވެ." އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "އަހަރެމެންގެ ރޯދައާއި ފޮތުގެ އަހުލުވެރިންގެ (އެބަހީ؛ ޔަހޫދީންނާއި ނަޞާރާއިންގެ) ރޯދައާއި ދެމެދުގައިވާ ތަފާތަކީ ހާރުކެއުމެވެ."
މީގެ އިތުރުންވެސް ހަދީޘްކުރައްވާފައި ވެއެވެ. "ހާރަކީ ބަރަކާތް ލިބިގެންވާ ކެއުމެކެވެ. އެހެންކަމުން އެކަން ދޫކޮށް ނުލާށެވެ. އެއީ ހަމައެކަނި ފެން ކޯވަރެއް ބޯލުން ކަމުގައި ވިޔަސްމެއެވެ. ފަހެ ހަމަކަށަވަރުން ﷲ ގެ ރަޙުމަތް ހާރުކާ މީހުންގެ މައްޗަށް ހުއްޓެވެ. އަދި އެއިލާހުގެ މަލާއިކަތުންވެސް އެބައިމީހުންނަށް ރަހުމަތް ލެއްވުމަށް އެދި ދުޢާކުރެއެވެ."
ހާރުކެއުން ލަސްކޮށްލުމަކީވެސް ސުންނަތެކެވެ. އަނަސް ރަޟިޔަ ﷲ ޢަންހު ޒައިދު ބުނު ޘާބިތުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ތިމަންމެންނާއެކުގައި ހާރު ފަރީއްކުޅުވިއެވެ. އެއަށްފަހު ނަމާދު ކުރެއްވުމަށް ތެދުވެވަޑައިގަތެވެ. އަނަސްގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ސުވާލުކުރެއްވީމެވެ. ހާރު ކޭންބެއްލެވުމާއި ބަންގިޔާ ދެމެދުގައިވީ ކިހާ ވަގުތުކޮޅެއް ތޯއެވެ؟ ވިދާޅުވިއެވެ. ފަންސާހަކަށް ނުވަތަ ފަސްދޮޅަހަކަށް އާޔަތް ކިޔައިލެވޭހާ ވަގުތުކޮޅެކެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "ރޯދަވީއްލުން އަވަސްކޮށް އަދި ހާރުކެއުން ލަސްކުރާހާ ހިނދަކު ތިމަން ކަލޭގެފާނުގެ އުއްމަތް ހެއުކަމުން ފިލައި ނުދާނެއެވެ."
ހާރު ކެއުމަކީ މުސްތަޙައްބު ވެގެންވާކަމެއް ކަމުގައި ދަންނަބޭކަލުން އިއްތިފާޤު ވެވަޑައިގަންނަވައެވެ. ނަމަވެސް ހާރު ނުކާ މީހާއަކަށް ފާފަވެރި ކަމެއް ނެތެވެ. ދަންނާށެވެ! ހެޔޮކަން ވަނީ މާތް ނަބިއްޔާގެ ސުންނަތުގައި ހިފުމުގައެވެ.
ވީމާ ހާރު ކެއުން އާދަ ކުރާށެވެ. އެއީ ބަރަކާތްތެރިކަން ހުރި ކަމެކެވެ.