ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ވެރިންވެގެން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރޫޅާލުމުގެ މަސައްކަތްކުރަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީއްކޯ) ވިދާޅުވުމުން، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު ރައްދުދެއްވައިފިއެވެ.

މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީން ކުރިއަސް އަދި އެހެން ޕާޓީއަކުން ކުރިއަސް ގޯހެއް ވާނީ ގޯހަކަށް ކަމަށެވެ. އެމްޑީޕީގެ ރަސްމީ އެއްވެސް ނިންމުމެއް ނެތި އެމްޑީޕީގެ ބަޔަކު ގެންގޮސްގެން، ޖުމްހޫރީ ޕާޓީގެ ވެރިން އެމްޑީޕީ ރޫޅާލުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ހިތްވަރުދިނުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއިވެސް ހިލާފު އަދި ވަރަށް ނުކިއްސަރު އަމަލެއްކަމަށް މޫސަ ވިދާޅުވިއެވެ.

އެވާހަކަތަކަށް ރައްދުދެއްވައި ސައުދު ކުރެއްވީ ސުވާލެކެވެ. ސައުދު ކުރެއްވި ސުވާލަކީ 2018ވަނަ އަހަރުގައި ވެރިކަމަށް އަންނަން އެމްޑީޕީން ބުރަ އަދި ދަތި އުނދަގޫ މަސައްކަތް ކުރިއިރު މޫސަ ހުރީ ކޮންތާކުތޯއެވެ. އެއަށްފަހު ސައުދު އެދުނީ، ކަރުން ނާރު ނަގައި "މާފެލެން" ހުރީ ކޮންތާކު ހުރި ކޮން ކުލައެއްގެ ޕޯޑިއަމެެއްގައިތޯ އަމިއްލަ ނަފުސާ ސުވާލު ކޮށްލުމަށްފަހު އެވާހަކަ އާންމު ފޯރަމްތަކުގައި ދެއްކުމަށެވެ.

ސައުދު އެއިޝާރާތްކުރެއްވީ 2017ވަނަ އަހަރުން ފެށިގެން މޫސަ އެމްޑީޕީއާ ފެޔަށްޖެހިވަޑައިގެން ކުރެއްވި މަސައްކަތަށެވެ.

އެމްޑީޕީން ވަކިވެވަޑައިގެން 2017ވަނަ އަހަރު ރީކޯ މޫސަ ގުޅިވަޑައިގަތީ އޭރުގެ ވެރިކަން ކުރަމުން އައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއެވެ. އެގޮތުން ރީކޯ މޫސާ މަނިކު ފެނިގެން ދިޔައީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއްގެ ގޮތުގައިއެވެ.

އުނބަށްޖައްސަވައި އަނެއްކާވެސް އެމްޑީޕީއާ އޭނާ ގުޅިވަޑައިގަތީ އެމްޑީޕީއާ ދުރުގައި ހުންނެވިތާ ފަސް އަހަރަށްފަހުގައެވެ.