އިންޑިއާގެ މައި އިދިކޮޅު ލީޑަރު ރާހުލް ގާނދީ، ޕާލަމެންޓް ގޮނޑިން ޑިސްކޮލިފައި ކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ ޕާލަމެންޓުން މިއަދު އާންމުކުރި ނޯޓިސްއެއްގައެވެ.
ރާހުލް ގާނދީގެ ޕާލަމެންޓް ނުވަތަ ލޮކް ސަބާގެ ގޮނޑި ގެއްލިއްޖެކަން އަންގާފައިވަނީ، އޭނާގެ މައްޗަށް 2 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްޔެ އިއްވާފައި ވަނިކޮށެވެ.
އުމުރުފުޅުން 52 އަހަރުގެ ރާހުލް ގާނދީގެ މައްޗަށް ސަރަހައްދީ ކޯޓަކުން ހުކުމްކުރީ، 2019 ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބުގެ ކެމްޕެއިން އެއްވުމެއްގައި "ހުރިހާ ވަގުންގެ ނަމުގެ ފަހަތަށް މޯދީ އަންނަނީ ކީއްވެގެންތޯ" ސުވާލު ކުރެއްވުމުންނެވެ.
ރާހުލް ގާނދީގެ މައްޗަށް ކުށް ސާބިތު ކޮށްފައިވަނީ، އެއީ، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަބުރަށް އަރައިގަތުމުގެ އަމަލެއް ކަމަށް ބުނެއެވެ.
ރާހުލް ގާނދީގެ މައްޗަށް އިއްޔެ ކޯޓުން ހުކުމްކުރި ނަމަވެސް، އިސްތިއުނާފް މަރްހަލާ ނިމެންދެން ކޯޓުން އިއްޔެވަނީ އޭނާ 30 ދުވަހަށް ދޫކޮށްލާފައެވެ.
ކޮންގްރެސް ޕާޓީގެ އެތައްހާސް ބަޔަކު، ކޯޓުގެ ހުކުރުމާ ދެކޮޅަށް މިއަދު އިންޑިއާގެ އެކި ސްޓޭޓްތަކުގެ މަގުތަކަށް ނުކުމެ މުޒާހަރާކޮށްފައި ވެއެވެ.
ކޮންގްރެސް ޕާޓީން ބުނެފައިވަނީ، ކޯޓުގެ ހުކުމަކީ ސިޔާސީ ކަމެއް ކަމަށާއި، މިއީ، ސިޔާސީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލަން ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރައްވާ މަސައްކަތުގެ ބައެއް ކަމަށެވެ.
ކޮންގްރެސް ޕާޓީގެ ތަރުޖަމާނު މިއަދު ވިދާޅުވީ، ރާހުލް ގާނދީގެ މައްޗަށް އިއްވި ހުކުމާއި، ޕާލަމެންޓް ގޮނޑިން ޑިސްކޮލިފައި ކުރި މައްސަލައާ ގާނޫނީގޮތުންނާއި، ސިޔާސީގޮތުން ކުރިމަތިލާނޭ ކަމަށެވެ.
އިންޑިއާގައި، އިންތިޚާބުތަކުގައި ގައުމީ އެތައްސަތޭކަ ޕާޓީއާއި، އެތައްހާސް ސަރަހައްދީ ޕާޓީ ވާދަކުރާއިރު، މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފާޅުގައި އެއްޗެއް ވިދާޅުވާ ހަމައެކަނި ލީޑަރަކީ ރާހުލް ގާނދީއެވެ. މޯދީއަށް ސީޔާސީގޮތުން ނުރައްކާއޮތް ހަމައެކަނި ބޭފުޅަކީވެސް އޭނާއެވެ.
އެހެންވެ، ސަރުކާރުން ހަދާފައިވާ ހަރުކަށި އަބުރުގެ ގާނޫނު ނިވާފައްގަނޑަކަށް ހަދައިގެން ރާހުލް ގާނދީއާއި އިދިކޮޅަށް ބަސްބުނާ އެތައް ބަޔަކާ ދެކޮޅަށް މިހާރުވެސް އެތައް ދައުވާއެއް އުފުލާފައި ވެއެވެ.