ބަރަކާތްތެރި ރަމަޟާން މަހަށް މުޅި އިސްލާމީ އުންމަތް މަރްޙަބާ ކިޔައިފިއެވެ.
ދުނިޔޭގެ އިސްލާމީ ގިނަ ގައުމުތަކާއި، މުސްލިމުން ދިރިއުޅޭ ގިނަ ގައުމުތަކުން ބުރާސްފަތި ދުވަހު ރަމަޟާންމަހުގެ ރޯދަ ހިފަން ފަށާފައި ވާއިރު، ބައެއް ގައުމުތަކަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ހުކުރު ދުވަހެވެ.
އެގޮތުން، ހުކުރު ދުވަހު ރޯދަ ހިފަން ފެށި ގައުމުތަކުގެ ތެރޭގައި، އަވަށްޓެރި ސްރީލަންކާ، ބަނގްލދޭޝް، އިންޑިއާ، ދެކުނު އެފްރިކާ އާއި އަދި އެނޫންވެސް ބައެއް ގައުމުތައް ހިމެނެއެވެ.
ރަމަޟާން މަހަކީ ކީރިތި ޤުރުއާން ބާވައިލައްވަން ފެށްޓެވި މަތިވެރި މަހެވެ. އެމަހަކީ، އެއްހާސް މައްސަރުގެ ހެޔޮކަން އެކުލެވިގެންވާ ރެއެއް ހިމެނޭ މައްސަރެއްވެސް މެއެވެ.
އެހެންކަމުން، ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަށް ފުރިހަމައަށް ތައްޔާރުވުމަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މުސްލިމުން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. ރަމަޟާން މަހާ ބައްދަލުކުވުމަކީ، ކުޑަކުދިންނާއި، ހުރިހާ އުމުރެއްފެ މީހުންނަށްވެސް ލިބޭ ނުހަނު ބޮޑު އުފަލަކަށް އޮންނަނީ ވެފައެވެ.
އިސްލާމީ ކަލަންޑަރުން އަހަރު ދައުރުވާގޮތުން، 2030 ވަނަ އަހަރު ދެ ރަމަޟާން މަސް މުސްލިމުންނާ ބައްދަލުކުރާނެއެވެ. 2030 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 5 ވަނަ ދުވަހު، އެ އަހަރުގެ ރަމަޟާން މަސް ބައްދަލުކުރާއިރު، އެ އަހަރުގެ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހު އަނެއް ރަމަޟާން މަސް ބައްދަލުކުރާނެއެވެ.
ރަމަޟާންމަހަކީ އަޅުކަމާއި، ހެޔޮ އަމަލުތަކުގެ މައްސަރެވެ. ދީލަތިކަން އިސްކޮށް ތިމާގެ އަމިއްލަ ނަފްސު ޠާހިރުކުރަން ލިބޭ ފުރުސަތެކެވެ.
ތިރީގައި މިވަނީ، މިއަހަރުގެ ރަމަޟާން މަސް ފެށުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނިގެންދާ އުފާވެރި ބައެއް މަންޒަރުތަކެވެ.