އާއިލާއަކީ އެމީހަކާއި ލޭގެ ގޮތުން ގުޅިފައިވާ މީހުންނެވެ. އަދި ކައިވެނީގެ ގޮތުން ގުޅިފައިވާ މީހުންނެވެ. އާއިލީ ގުޅުމަކީ ކޮންމެހެން ވެސް ދަމަހައްޓަން ޖެހޭ ގުޅުމެކެވެ. އާއިލާގެ ހުރިހާ މެމްބަރުން އެކަކު އަނެކަކަށް ގުޅުން ބަދަހިކޮށް ހާލުއަހުވާލު ބަލައި އެހީތެރިވެ ހަދަންވެސް ޖެހޭނެއެވެ. އިސްލާމްދީނުގައިވާ ގޮތުން އާއިލީ ގުޅުން ދެމެހެއްޓުން ވާޖިބެވެ.
ރަމަޟާންމަސް ބައްދަލުކުރިއިރު، އާއިލާއާ ދުރުގައިވުމުން ފަޅުކަން އިހުސާސްކުރެވޭނެ އެތައް ބަޔަކު އަހަރެމެންގެ ތެރޭގައި ތިބޭނެކަން ޔަގީނެވެ. ހަވީރު ފިނީގައި އާއިލާއާއެކު ހޭދަކުރި ވަގުތުތަކާއި އާއިލީ ރޯދަވީއްލުންތަކާއި އެކުގައި ކުރެވޭ ރޭއަޅުކަމާއި ތަރާވީސްދަމުގެ ސަކަރާތާއި އާއިލާއެކުގައި ހާރުކެއުމަށް ހޭދަކުރި އުފާވެރި ވަގުތުތައް އެންމެ ހަނދާންވާނީ މިދެންނެވި ފަޅުކަން ތަހައްމަލްކުރަމުންދާ މީހުންނެވެ.
އެއްބަޔަކީ، އަނބިދަރިންނާއި ދުރުގައި ރަށުން ބޭރުގައި ވަޒީފާ އަދާކުރާ މީހުންނެވެ. އަނބިމީހާގެ އަތުން ތައްޔާރުކުރާ މީރު ކެއުންތައް ހަނދާންވެއެވެ. އެކައުންތަކަށް އެދެވެއެވެ. އެބުއިންތަކަށް ކަރުހިތްކައެވެ. ރޯދަޔަށް ބެހެއްޓުމުން ކުދިވެރިން ހާކާ ބޮޑާ ހަނދާނަށް އާދެއެވެ. އެކުދިން ޖަހާ ސަކާރާތުގައި ބައިވެރިވާން ބޭނުންވެއެވެ. ކުރުކޮށް ބުނާނަމަ، ރޯދަމަހު އަނބިދަރިންނާއެކު ދުރުގައި ހުރުންވާނީ އުނދަގޫ ކަމަކަށެވެ. އެހެނަސް، އެނޫން ގޮތަކުން ދިރިއުޅުމުގެ ޙަރަދުތައް ބަލެލެހެއްޓެން ނެތަތީ "ހާލަތުލް މަޖުބޫރީއެވެ."
އަނެއް ބަޔަކީ، މައިންބަފައިންނާ ދުރުގައި ރަށުން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނެވެ. މަންމަގެ އަތުން ކައްކާ މީރު ރިހަތަކާއި ފިހެތެއްލާ ހެދިކާގެ މީރު ރަހައަށް އެދެވެއެވެ. ބަދިގޭގައި މަންމަކުރާ މަސައްކަތުގައި އަތްގާތްކޮށްލަދޭ ހަނދާން އާވެ، އެޚިދުމަތް ކޮށްދިނުމަށް ބޭނުންވެއެވެ. މިސްކިތަށް ދާއިރު ބައްޕައާއެކު މިސްކިތަށްދާ މަންޒަރު ފެންނަ ކަހަލައެވެ. ނޫނީ ހަވީރު ފިނީގައި ބައްޕައާއެކު ދުއްވާލަންދާ ހަނދާންތައް ސިކުނޑީތެރޭ ވަށާލައި އެކަމަށް އެދެވެއެވެ. ކޮއްކޮމެންނާއި ރަށުގައި ތިބި އެކުވެރިންނާއެކު ރޯދަކުރުކުރުމަށް ހޭދަކުރި ވަގުތުތައް ހަނދާންވެ، އެކަމަށް ބޭނުންވެއެވެ. އެކަމަކު ކުރާނީ ކީއް ހެއްޔެވެ. ކިޔަވަން ބޭނުން ނަމަ އޮތީ ކެތްކުރުމެވެ. ސާބިތުވެ ތިބުމެވެ.
ދިރިއުޅުމުގެ އެކިއެކި މުހުތާދުތައް ފުއްދުމަށް އަމިއްލަ ވަޒަނާއި އާއިލާއާ ދުރުގައި ތިބި އެންމެން ކަހަލަ ގޮތަކަށް ތިބީ އެއް ހާލެއްގައެވެ. ސޯޝަލްމީޑިއާއަށް އެކަނި ބަލާލުމުންވެސް އެމީހުންގެ ޝުއޫރުތައް ފެނިދޭހަވާނެއެވެ. އާއިލާއާއެކު މިފަދަ މާތް މައްސަރެއްގައި ވަގުތު ހޭދަކުރަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. ކޮންމެއަކަސް ރޯދަމަަސް އާއިލާއާ ދުރުގައި ހޭދަކުރާ ކޮންމެ މީހަކީވެސް ހަމަ ވަރަށް ހިތްވަރުގަދަ މީހެކެވެ. އަޅުކަމުގެ އިތުރަށް އެއީވެވޭ މަތިވެރި ގުރުބާނީއެކެވެ.
ކުރުކޮށް ފޮނިކޮށް ތިޔަ ބުނެދިނީ އެތައް ބަޔެއްގެ ހާލެވެ. ލައްކަ ވާހަކައެވެ. މަދު ލަފުޒުތަކަކުން ބޮޑު ވާހަކައެއް ބުނެދީފުމެއެވެ. ލިޔުންތެރިކަމަކީ ތިޔައީއެވެ. މާޝާ ﷲ!!