ވެރިކަމުގެ މި ދައުރުގައި ގައުމު ބޮޑުތަނުން ދަރަނިވެރިވުން ނޫންކަމެއް ވެފައިނެތްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް ވިދާޅުވެއްޖެއެވެ.

ނަވާޒު މިފަދައިން ވިދާޅުވީ ރައީސް ސާލިހް ދެވަނަ ދައުރަކަށް ހޮވަން ޖެހެނީ މިހާރު ފަށާފައިވާ މަޝްރޫއުތައް ނުހުއްޓި ކުރިޔަށްގެންދިޔުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓުވިޓެއްގައެވެ.

ނަވާޒް ވިދާޅުވީ މި ދައުރުގައި ގައުމު ބޮޑުތަނުން ދަރަނިވެރިވެ އިޖްތިމާއީ އަދި އިގްތިސާދީ ފޭރާން އެއްކޮށް ވީދި ކުދިކުދިވެ ދައުލަތު ހަރަދު އިންތިހާއަށް ބޮޑުވުން ނޫންކަމެއް ކުރެވިފައި ނުވާކަމަށެވެ. ވުމާއިއެކު އެމްޑީޕީގެ ރައީސް ސާލިހް ފެކްޝަނުން 2 ވަނަ ދައުރެއްގެ ވާހަކަ ނުދެއްކުމަށް ނަވާޒް ވަނީ ގޮވާލާފައެވެ.

ރިޔާސީ އިންތިހާބާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދައްކާނެ ވާހަކައެއް ނެތްކަމަށް ރައީސް ސާލިހް ވިދާޅުވެފައިވާތީ ނަވާޒު ވިދާޅުވީ ރައީސް ނަޝީދު މިފަހަރު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ފަހަތްޕުޅަށް އެރީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ވާހަކަ ދައްކަން ބޭނުންނުވާތީކަމަށް ގަބޫލުކުރައްވާކަމަށެވެ. އެހެންކަމުން ރައީސް ސާލިހު ކިތަންމެ ވަރަކަށް ތާކުންތާކު ނުޖެހޭ ވާހަކަ ދެއްކިޔަސް ރައީސް ނަޝީދު ދެނެއް ނުގުޑާނެކަމަށް ނަވާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސްޓޭންޑަކީ ވެސް ޖޭޕީގެ ކެންޑިޑޭޓަށް ތާއީދުކުރުންކަމަށް މިހާތަނަށް އައި އިރު ވަރަށް ބޮޑަށް ބެލެވެއެވެ.

ޖުމްހޫރީ ޕާޓީން ވަކިން އިންތިހާބުގައި ވާދަކުރުމަށް ނިންމައި އިންތިޚާބުގެ ކެމްޕެއިންގެ ކަންތައްތައް ރޭވުން އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާ އިއްޔެ ވަނީ ހަވާލުކޮށްފައެވެ. މިކަން ހާމަކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެޕާޓީގެ ކައުންސިލަށް ފޮނުއްވި މެސެޖެއްގައި ވަނީ އިންތިހާބުގެ ކެމްޕެއިންގެ ކަންކަން ރޭވުމުގެ މަސައްކަތް އަމީނާއި ހަވާލުކުރައްވާފައިވާތީ އެކަމުގައި އަމީނަށް އެއްބާރުލުން ދެއްވުމަށް ޖުމްހޫރީ ޕާޓީގެ އިދާރާއަށާއި ކައުންސިލް އަދި ލީޑަރޝިޕުގެ ކިބައިން އެދިވަޑައިގެންފައެވެ.