ރޯދަމަހާ ގުޅޭ އަދަބީބަހަކާމެދު ފިކުރުކުރަނިކޮށް ހަނދާނަށް އައި މިސާލު ބަހެކެވެ. "ދަނގެތީ މީހުން ރޯދަވީއްލުން" ކަމަށް ބުނާ ބުނުމެވެ. ދިވެހިބަހުގެ ރަދީފުގައިވެސް މިސާލުބަހެއްގެ ގޮތުގައި އޮތް މިބަހަކީ ކައިނިމިގެން ފައިބާއިރު މުޅި ސުފުރާ މައްޗަށް ކާއެއްޗެހި އެޅިފައި ހުރުމުން ބުނެއުޅޭ ބަހެކެވެ. މިސާލަކަށް ދަންނަވާނަމަ، "މިތަން ހީވަނީ ދަނގެތީ މީހުން ރޯދަވީއްލައިފައި އޮތްހެނެވެ."

މިއީ އެވޭލާ ޒަމާނުގައި ހިނގި ހާދިސާއެއްގެ ސަބަބުން ނުވަތަ ކަން އޮތް ގޮތުން، އުފެދުނު މިސާލުބަހެއް ކަމަށް ވެދާނެއެވެ. ޒަމާނާއި ހާލަތަށް އަންނަ ބަދަލާއެކު އެތައް ކަމެއް ބަދަލުވެއެވެ. ހަމަގައިމުވެސް މިއީ މިއަދު ދަނގެތީގެ ގޭގޭގެ ސުފުރާމަތިން ފެންނާނެ މަންޒަރެއް ނޫނެވެ. އެޔަގީންކަން އެރަށު މީހުން ދެއެވެ.

ބަހަކީ ޒަމާނާއި ހާލަތަށް އަންނަ ބަދަލާއެކު ބަދަލުވެ ތަރައްގީވަމުން އަންނަ އެއްޗަކަށް ވީހިނދު، މިފަދަ މިސާލުބަސްތައް ޒަމާނާއި ހާލަތު ބަދަލުވުމުން ބޭނުން ނުކުރުމަކީ އެންމެ މޮޅު އިތުރު ގޮތެވެ.

އެވާހަކަ ބާއްވަމާ ހެއްޔެވެ؟ އަހަރެން ހިތުން މިފަދަ މާތް މައްސަރެއްގައި ހާއްސަކޮށް ކެއުންބުއިމާ ވަރަށް ބޮޑަށް ގުޅިފައިވާ މައްސަރެއްގައި ކެއުންބުއިމުގެ އާދަބުތަކަށް ސަމާލުކަންދިނުމަކީ ވަރަށް މުހިއްމު ކަމެކެެވެ. އިސްލާމްދީނަކީ ރިވެތި އަދަބުތަކަށް ބާރުއަޅާ ދީނެވެ. އިސްލާމްދީނަކީ ސާފުތާހިރު ކަމުގެ ދީނެވެ.

ކެއުންބުއިމުގެ އަދަބުތައް:

ކެއުމުގެ ކުރިން

  • ދެއަތްތިލަ ރަނގަޅަށް ދޮވުން
  • ކާއެއްޗަކީ ޙަލާލު އެއްޗެއްތޯ ޔަޤީންކުރުން
  • ބިސްމި ކިޔުން

ކެއުމުގެ ތެރެއިން

  • ކަނާއަތުން ކެއުން
  • ތަށީގެ ގަޔާވީ ފަޅިން ކެއުން
  • ތިން އިނގިލީން ކެއުން
  • ކާތަކެތި ރަނގަޅަށް ހެފުން
  • ވެއްޓޭ ކާއެތިކޮޅު ކެއުން

ކައި ނިންމުމަށްފަހު

  • ރަނގަޅަށް އަތް ދޮވުން
  • ދުޢާކިޔުން
  • އަނގަ ދޮވުން (މުސްތަޙައްބު)
  • ކާންދިން މީހާއަށް ހެޔޮދުޢާ ކޮށްދިނުން

މީގެ އިތުރުންވެސް، ބަނޑުހައިވުމުގެ ކުރިން ނުކެޔުމާއި އިސްރާފުކުރުމުން ދުރުވެގަތުމާއި އަޅުކަންކުރުމުގައި ހީވާގިވުމުގެ ނިޔަތުގައި ކެއުމާއި ހަށިގަނޑަށް ބުރަވާ ވަރަށް ގިނައިން ނުކެޔުމަކީވެސް ކެއުންބުއިމާ ގުޅިފައިވާ އަދަބުތަކެވެ.

ބަނޑުގެ ތިންބައިކުޅަ އެއްބަޔަށް ވާވަރަށް ކެޔުން އެދެވިގެންވެއެވެ. ގިނައިން ކެއުމަކީ ޞިއްޙަތަށް ގެއްލުން ހުރި ކަމެކެވެ. ބަލިތައްޖެހުމުގެ ސަބަބެކެވެ.

ތައްޓަށް ކާތަކެތި އަޅަންވާނީ ތަށިތެރޭގައި ދަތިކަމެއްނެތި އެތަކެތި ގެންގުޅެވޭ ވަރަށެވެ. ތަށިފުރެންދެން ކާތަކެތި އެޅުމަކީ ރިވެތި ކަމެއް ނޫނެވެ. އެތެރެ ނުފެންނަ ފަދަ ކަންވާރުގައި ހުންނަ ދިޔާތަކެތި ތުންޖަހައިގެން ނުބޯށެވެ. އެފަދަ ތަކެތި އެހެން އެއްޗަކަށް އަޅައިގެން ބޯށެވެ. ހޫނު ކާތަކެތި އަދި ބޯތަކެތި އެއްޗިހި ފިނި ކުރުމަށްޓަކައި އަނގައިން ނުފުމޭށެވެ. މިއީ ވަރަށް ގިނައިން ފެންނަ ގޯސް އާދައެކެވެ.

ކާގަޑީގައި ވީހާ ގިނަ ބަޔަކު އެއްކޮށް ކާށެވެ. މިއީ ބަރަކާތް އިތުރުވާ ކަމެކެވެ.