ދެކުނު އޭޝިޔާގެވެސް އެންމެ މޮޅު ކޮރަޕްޝަނާ ދެކޮޅު ގާނޫނު ސްރީލަންކާއިން ވަރަށް އަވަހަށް ފާސްކުރާނޭ ކަމަށް ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެއެވެ.
ސްރީލަންކާގެ ރައީސް މިހެން ވިދާޅުވެފައިވަނީ، ސްރީލަންކާގެ މީޑިއާތަކުގެ އިސް ވެރިންނާއެކު ރައީސްގެ އޮފީހުގައި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސްރީލަންކާގެ ރައީސްގެ އޮފީހުގެ މީޑިއާ ޑިވިޜަނުން ބުނެފައިވަނީ، ސްރީލަންކާގައި އަލަށް އެކުލަވާލާ ކޮރަޕްޝަނާ ދެކޮޅު ގާނޫނުގެ ދެލިކޮޕީއަށް ކެބިނެޓުގެ ރުހުން މިހާރުވެސް ލިބިފައިވާ ކަމަށެވެ.
އެހެން ނަމަވެސް، އެ ބިލް ޕާލަމެންޓަށް ހުށަހެޅުއްވުމުގެކުރިން، ސްރީލަންކާގެ ކުރީގެ އަދި މިހާރުގެ އިދިކޮޅު ފަރާތްތަކުގެ ޚިޔާލު ރައީސް ހޯއްދަވާނެ ކަމަށް މީޑިއާ ޑިވިޜަނުން ބުނެފައި ވެއެވެ.
ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ، މީޑިއާތަކުގެ ވެރިންނާ ބައްދަލު ކުރެއްވީ، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ލޯނު ނެގުމަށް، އައިއެމްއެފާއެކު ސަރުކާރުން ހެދި އެއްބަސްވުމުގެ ތަފްސީލް ހިއްސާ ކުރެއްވުމަށް ކަމަށް ރަނިލް ވިދާޅުވިއެވެ.
އެގޮތުން ވިދާޅުވީ، އައިއެމްއެފްގެ ލޯނަކަށް އެދިވަޑައިގެންނެވީ ސްރީލަންކާ ބަނގްރޫޓުވުމުން ކަމަށް ވިދާޅުވިއެވެ. އަދި މިއީ އައިއެމްއެފާއި، ކްރެޑިޓަރުންގެ އެހީގައި ސްރީލަންކާގެ ބޭރުގެ ދަރަނި ރީސްޓްރަކްޗަރ ކުރަންޖެހުނު ފުރަތަމަ ފަހަރު ކަމަށްވެސް، ސްރީލަންކާގެ ރައީސް ވިދާޅުވިއެވެ.
ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ އަޑިގަނޑުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން ސްރީލަންކާއަށް 3 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ދޭން ނިންމީ، ހަރުކަށި ޝަރުތުތަކާ އެކުގައެވެ.
އޭގެތެރޭގައި، ކޮރަޕްޝަން ނައްތާލުމަށް ހަރުކަށި އިސްލަހީ ފިޔަވަޅުތައް އެޅުން ހިމެނެއެވެ.
ސްރީލަންކާ އިގްތިސާދީ ކާރިޘާއެއްގެ ތެރެއަށް ވެއްޓިގެންދިޔަ މައިގަނޑު ސަބަބެއް ކަމަށް ގަބޫލުކުރެވިފައި ވަނީވެސް ކޮރަޕްޝަންގެ ކަންތައްގަނޑު ބޮޑުވެގެން ދިއުމެވެ.
ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އެޅުމުގެއިތުރުން، ޓެކްސް ނެގުން އިސްލާހްކުރުމާއި، ފަގީރުންގެ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުން ފަދަ ކަންކަން ހިމެނެއެވެ.
އައިއެމްއެފުން ދޭން ނިންމި 3 ބިލިއަންގެ ތެރެއިން 330 މިލިއަން ޑޮލަރު ސްރީލަންކާ ސަރުކާރަށް މިހާރުވަނީ ފޯރުކޮށްދީފައެވެ.
ލޯނުގެ ބާކީ ދިނުމަށް ކަނޑައަޅާފައިވަނީ، ސްރީލަންކާއަށް ގެންނަ އިގްތިސާދާ ގުޅުންހުރި އިސްލާހްތައް ހަމަހުން ހަމަހުން މުރާޖައާކޮށް ބައިތަކަށް ބަހާލައިގެންނެވެ.
ސްރީލަންކާގެ ރައީސް ވިދާޅުވީ، އިސްލާހީ ބަދަލުތައް ގެނައުމަކީ އުނދަގޫ މަސައްކަތެއް ކަމަށާއި، ނަމަވެސް އެކަމުން ދައުލަތުގެ އާމްދަނީ އިތުރުވެގެންދާނެ ކަމަށެވެ.