ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާނީ އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ހަރަކާތުން ވެރިކަމަށް ގެންނަން މަސައްކަތްކުރާ ކެންޑިޑޭޓެއްކަމަށް ދޭހަވާ މޭރުމަކުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވާހަކަފުޅު ދައްކަވައިފިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން އިންތި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފިކުރެއްގެ ދިރުންއަކީ މިފަހަރުގެ "ކިންގް މޭކަރ" ކަމަށެވެ.

"ކިންގް މޭކަރ"، މިއީ ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާޙީމަށް ނިސްބަތްކޮށް ރާއްޖޭގެ ސިޔާސީ މަސްރަހުގައި މަސައްކަތްކުރައްވާ ފަރާތްތަކާއި މީޑިއާތަކުން ބޭނުންކުރާ ބަހެކެވެ.

ޤާސިމް އިބްރާޙީމަށް މި ނަމުން މުހާތަބުކުރަނީ، އައު ގާނޫނުއަސާސީ ވުޖޫދަށްގެނައިފަހުން ރާއްޖޭގައި ބޭއްވި ކޮންމެ އިންތިޚާބެއްގައި ވެސް، އިންތިޚާބު ކާމިޔާބުކުރައްވަނީ ޤާސިމް ތާއީދުކުރައްވައި، އެންޑޯސްކުރައްވާ ކެންޑިޑޭޓަކަށްވާތީއެވެ.

އެގޮތުން 2008 ވަނަ އަހަރުގެ އިންތިޚާބު، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކާމިޔާބުކުރެއްވީ އިންތިޚާބުގެ ދެވަނަ ބުރެއްގައި ވާދަކުރައްވަން ޖެހިވަޑައިގަތުމުން، ދެވަނަ ބުރުގައި ޤާސިމްގެ އެހީ ހޯއްދަވައިގެންނެވެ.

އެފަހުން 2013 ވަނަ އަހަރު، ރައީސް އަބްދުﷲ ޔާމީން ވެސް ވެރިކަމަށް ވަޑައިގެންނެވީ ދެވަނަ ބުރުގައި ޤާސިމް އިބްރާޙީމް ކުރެއްވި ތާއީދާއެކުއެވެ.

މިގެއިތުރުން 2018 ވަނަ އަހަރު، އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ވެސް، އެއްބުރުން އިންތިޚާބު ކާމިޔާބުކުރެއްވީ، ރައީސާއެކު ޤާސިމް ކުރެއްވި ބުރަ މަސައްކަތާއެކުއެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޤާސިމް އިބްރާޙީމް ވާދަކުރައްވާނެކަމަށެ ބެލެވޭއިރު، އެމަނިކުފާނުގެ ޕާޓީ، ޖުމްހޫރީ ޕާޓީން ވަނީ ރިޔާސީ އިންތިޚާބުގައި ވަކިން ނުވަތަ، އެ ޕާޓީ އިސްވެ އުފައްދާ ކޯލިޝަނަކުން ވާދަކުރުމަށް ނިންމާފައެވެ. ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެވަގުތަކު ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ. އެހެންނަމަވެސް ޕާޓީގެ އަސާސީ ގަވައިދުގައި، ލީޑަރު ބޭނުންފުޅުވެއްޖެ ހާލަތެއްގައި ރިޔާސީ ޓިކެޓަށް ޕްރައިމަރީއެއް ބޭއްވުމުގެ ފުރުސަތު ވެސް ލިއްބައިދެއެވެ.

މިހާތަނަށް އައިއިރު ޖުމްހޫރީ ޕާޓީން އެ ޕާޓީގެ ކެންޑިޑޭޓަކީ ކޮން ބޭފުޅެއްކަން ހާމަކޮށްފައެއް ނުވެއެވެ.

ޕާޓީގެ ޓިކެޓުގައި ޤާސިމް ވާދަކުރެއްވުމަށް އެ ޕާޓީގެ ގިނަ މެމްބަރުންތަކެއް އެދެމުން އަންނަ މި ދަނޑިވަޅުގައި. ރައީސް ނަޝީދުގެ ފަރާތްޕުޅުން ހާއްސަ ވަފުދެއް މިދިޔަ ހަފްތާގައި ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވެއެވެ. ރައީސް ނަޝީދު ފައްޓަވާފައިވާ "ފިކުރެއްގެ ދިރުން" ހަރަކާތުގެ ފަރާތުން އަދި ރައީސް ނަޝީދުގެ މަންދޫބުންގެ ގޮތުގައި މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން އަމްރުއެވެ.

މި ބައްދަލުވުގައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީއާއި ރައީސް ނަޝީދުގެ ޓީމުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ކުރަން ހުރި މަސައްކަތްތަކާ މެދު މަޝްވަރާކޮށްފައިވެއެވެ. އަދި މެނިފެސްޓޯއެއް އެކުލަވާލުމުގެ މަޝްވަރާތައް ވެސް ކޮށްފައިވެއެވެ.

އެހެންކަމުން، ބެލެވޭ ގޮތުގައި ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން ތާއީދުކޮށް، ވެރިކަމަށް ގެނައުމަށް މަސައްކަތްކުރާނީ ޖޭޕީން އިންތިޚާބަށް ނެރޭ ކެންޑިޑޭޓަކަށެވެ. ވެރިކަން ހޯދުމުގެ ބަދަލުގައި ރައީސް ނަޝީދު ވެސް އަދި ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ވެސް މިފަހަރު މަސައްކަތްކުރާނީ ވެރިކަން ހޯދައިދިނުމަށެވެ. "ކިންގް" އަށް ވުމުގެ ބަދަލުގައި "ކިންގް މޭކަރ" އަށް ވުމަށެވެ.