ސައުދީ ސަރުކާރުން ރަމަޟާންމަހަށް ހާއްސަކޮށްގެން ރާއްޖެއަށް ހަދިޔާކުރި ކަދުރުތައް ބަހަން ފަށައިފިއެވެ.
މިކަން ކުރިއަށް ގެންދާ އިސްލާމިކް މިނިސްޓްރީން ބުނީ، ކަދުރު ބެހުން، އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
ކަދުރު ބެހުމުގެ ކަންކަން ކުރިއަށް ދާނީ އިސްލާމިކް މިނިސްޓްރީގެ ލޮބީގައި ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 12:00އަށް ކަމަށެވެ. އަދި ކަދުރު ބަލާ އަންނައިރު އައިޑީ ކާޑް ހިފައިގެން އައުމަށް މިނިސްޓްރީންވަނީ އިލްތިމާސްކޮށްފައެވެ.
ރަމަޟާންމަހަށް ހާއްސަކޮށްގެން ސައުދީ ސަރުކާރުންވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ.
ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާނީ، 1443 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން އިޢުލާންކޮށްފައިވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ދިނުމަށްފަހު މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުންނެވެ. ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރު ބަހާއިރު، ސަޢޫދީ ޢަރަބިއްޔާއިން މިއަހަރު ލިބުނު ކަދުރު ފަޤީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު، ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕަކެޓް ކަދުރެވެ.
މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިނިސްޓްރީ މެދުވެރިކޮށް ކަދުރު ބަހާއިރު އަތޮޅުތެރޭގެ ރަށްރަށަށް ކަދުރުބަހާނީ ރަށު ކައުންސިލްތަކުން 2023 ވަނަ އަހަރު މިނިސްޓްރީއަށް ފޮނުވި ގޭބިސީގެ ލިސްޓުތަކަށް ބެލުމަށްފަހު އެ ކައުންސިލްތަކުންނެވެ.
ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރު އިސްލާމިކް މިނިސްޓްރީއާއި ހަވާލުކުރީ މި މަހުގެ 21 ވަނަ ދުވަހު ސައުދީގެ ހާއްސަ ވަފުދެއް ރާއްޖެ ވަޑައިގެންނެވެ.
ކަދުރު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ސައުދީ ސަފީރު ވިދާޅުވީ، ސައުދީ އަރަބިއްޔާއާއި ދިވެހިންނާ އޮންނަ ގާތްގުޅުމުގެ ތެރެއިން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ހަދިޔާކުރައްވާ ކަދުރު މިއަހަރުވެސް ދެއްވާފައިވަނީ ރަސްގެފާނުގެ ފަރާތްޕުޅުންކަމަށެވެ.
އަދި ރާއްޖެއާއި އެ ގައުމާ އޮންނަ ގުޅުން ދެމި އޮންނަ ފަދައިން ދިވެހިންނަށް އަބަދުވެސް އެގައުމުން ހެޔޮއެދޭކަން ފާހަގަކުރެއްވިއެވެ. އަދި އެ ގައުމާއި ރާއްޖެއާއި އޮންނަ ގުޅުން ކުރިއަށް އޮތްތާގައިވެސް އެގޮތުގައި ދެމި އޮންނާނެކަމަށް ސަފީރު ވިދާޅުވިއެވެ.