އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު، އެ މަގާމުން ވަކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް އަންގަވައިފިއެވެ.

ރައީސް މިކަން އެންގެވިކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ "ވީނިއުސް"އަށް ކަށަވަރުކޮށްދެއްވާފައެވެ.

އެގޮތުން އަމްރުއަށް މިހާރު ނޯޓިސް ދެއްވާފައިވާ ކަމަށާއި، އަމްރު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑުން ވަކިކުރުމަށް ރައީސް މިއަދު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން (ޕީސީބީ) އަށް އަންގަވާފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

އެސްޓީއޯގެ އެމްޑީ ކަމުގެ މަގާމުން އަމްރު ވަކިކުރަން ނިންމެވީ، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށް އަބަދުވެސް ބަދަލުތައް ގެންނަ އުސޫލުގެ ތެރެއިންކަމަށް މިއުވާން ވިދާޅުވިއެވެ.

އެސްޓީއޯގެ އެމްޑީ ކަމުގެ މަގާމުން އަމްރު ވަކިކުރަން ރައީސް ނިންމެވިއިރު، ދެން އެ މަގާމަށް އައްޔަންކުރައްވާނެ ބޭފުޅެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެސްޓީއޯ ހިންގެވުމުގެ ޒިންމާއިން އަމްރު ވަކިކުރިއިރު، އަމްރުއަކީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުގެ ތެރެއިން، ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މެމްބަރުންގެ މައްޗަށް އެކުލެވޭ ފެކްޝަނުގެ މެމްބަރެކެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސް ޞާލިޙާއި ރައީސް ނަޝީދު ކުރެއްވި ކެމްޕެއިން ދަތުރުފުޅުތަކުގެ ތެރެއިން އަމްރު ބައިވެރިވެވަޑައިގަތީ ރައީސް ނަޝީދުގެ ކެމްޕެއިން ދަތުރުފުޅުތަކުގައެވެ.

ކެމްޕެއިން ދަތުރުފުޅުތަކުގެ ތެރެއިން ގދ. ތިނަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވަނީ، ސަރުކާރުގެ ސިޔާސަތެއް ތަންފީޒު ކުރުމުގައި ސަރުކާރުގެ އެއްވެސް އޮފީހަކުން، އެއްވެސް ކުންފުންޏަކުން ފަސްނުޖެހޭނެ ކަމަށާއި އެކަންތައްތައް ކުރާނެ ކަމަށް އަދި ކުރެވޭ ގޮތަށް އެކަންތައްތައް ބަދަލު ކުރާނެކަމަށް ވިދާޅުވެފައެވެ.

ރައީސް މިފަދައިން ވިދާޅުވީ، ރައީސް ނަޝީދުގެ ކެމްޕެއިން ދަތުރުފުޅުތަކުގައި އަމްރު ބައިވެރިވާން ފެށިފަހުން، އެ ވާހަކަތައް ވަރަށް ގަދައަށް ދެކެވެމުންދިޔަ ދަނޑިވަޅެއްގައިކަމުން، ރައީސްގެ މި ވާހަކަފުޅަކީ އަމްރުއަށް ދެއްވި ނުސީދާ "އިންޒާރެއް"ގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެއްވިއެވެ.

ރައީސްގެ މި ވާހަކަފުޅުތަކާ ގުޅިގެން އަމްރު އޭރު ވިދާޅުވީ، ޕާޓީ އެތެރޭގެ އިންތިޚާބުގަ ގެންގުޅޭ ވިސްނުމުގެ ސަބަބުން އެސްޓީއޯ އިން ކުރަމުން އަންނަ އެއްވެސް މަސައްކަތަކަށް މަޑުޖެހުމެއް ނާންނާނެ ކަމަށާއި، އެސްޓީއޯއިން ކުރަމުން ގެންދަނީ ޤައުމީ މަސައްކަތެއް ކަމަށާއި އެއީ ދިވެހި ރައްޔިތުންނަށް ދޭ ޚިދުމަތެއް ކަމަށެވެ.

ވަރަށް ފުރިހަމައަށް އެސްޓީއޯގެ ހިންގުން ކުރިއަށް ގެންދަވަނިކޮށް އެ ކުންފުނީގެ އެމްޑީ ކަމުގެ މަގާމުންނާއި ބޯޑު މެމްބަރުކަމުގެ މަގާމުން އަމްރު ވަކިކުރަން ރައީސް ނިންމާފައިވާއިރު، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އަމްރުއާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު ވަނީ ހުސްވި ހަފްތާ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ޖޭޕީން ރިޔާސީ އިންތިޚާބަށް ނެރޭ ކެންޑިޑޭޓަކަށް، ރައީސް ނަޝީދުގެ ޓީމުން ތާއީދުކުރަން ނިންމައި، ގުޅިގެން މަސައްކަތްކޮށް، މެނިފެސްޓޯއެއް އެކުލަވާލުމުގެ މަޝްވަރާތައް ވަނީ ކޮށްފައެވެ.