މި ރޯދަމަހު ކާބޯތަކެތީގެ ވިޔަފާރިކުރާ ބައެއް ތަންތަނުން ގަވާއިދާއި ހިލާފަށް ކާބޯތަކެތީގެ ހިދުމަތް ދެމުން ގެންދާކަން ފާހަގަވެފައިވުމުން ގަވާއިދާއި ހިލާފަށް ކާބޯތަކެތީގެ ހިދުމަތް ދެމުންދާނަމަ އެފަދަ ތަންތަނުގެ މައުލޫމާތު ހާމަކުރާނެ ކަމުގެ އިންޒާރު ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ދީފިއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ "ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދު"ގެ ދަށުން ކާބޯޯތަކެތީގެ ހިދުމަތް ދޭންވާނީ އެޗްޕީއޭގެ ހުއްދައާއިއެކު ނުވަތަ އެޗްޕީއޭއިން ކަނޑައަޅާ ފަރާތެއްގެ ހުއްދައާއިއެކުގައި ކަމަށެވެ.

އެހެންނަމަވެސް ކާބޯތަކެތީގެ ވިޔަފާރިކުރާ ބައެއް ފަރާތްތަކުން މި ގަވާއިދާއި ހިލާފަށް އަމަލުކުރަމުންދާތީ އެގޮތައް އަމަލު ނުކުރުމަށާއި މިފަދައިން އަމަލުކުރާނަމަ އެތަންތަނުގެ މައުލޫމާތު އާއްމުކުރަމުންދާނެ ކަމަށްވެސް އެޗްޕީއޭއިން ހާމަކުރެއެވެ.

ކާބޯތަކެތި ވިއްކާ ތަންތަނުގެ ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުންނާއި ގަވާއިދާއި ހިލާފަށް ކާބޯތަކެތީގެ ވިޔަފާރިކުރަމުންދާތީ މީގެކުރިންވެސް އެޗްޕީއޭއިން ވަނީ އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅުއަޅާފައެވެ.

ކޮންމެ އަހަރެއްގެވެސް ރޯދަމަހާއި ދިމާކޮށް ހާއްސަ ސަމާލުކަމެއް ދީގެން އެޗްޕީއޭއިން އަންނަނީ ކާބޯތަކެތީގެ ވިޔަފާރިކުރަމުންދާ ތަންތަން ގަވާއިދުގެ ތެރެއަށް ފެއްތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.