އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު، އެ މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް އަންގަވައިފައިވަނިކޮށް އޭނާ މަގާމުން ވަކިކުރިކަން ސަރުކާރުން ރަސްމީކޮށް ހާމަކޮށްފިއެވެ.

ސަރުކާރުން އަމްރުއަށް ނޯޓިސް ދީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑުން ވަކިކުރުމަށް އެދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން (ޕީސީބީ) އަށް އަންގަވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

އެސްޓީއޯގެ އެމްޑީ ކަމުގެ މަގާމުން އަމްރު ވަކިކުރަން ނިންމެވީ، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުމަށް އަބަދުވެސް ބަދަލުތައް ގެންނަ އުސޫލުގެ ތެރެއިންކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

އެސްޓީއޯގެ އެމްޑީ ކަމުގެ މަގާމުން އަމްރު ވަކިކުރެއްވިއިރު އިތުރު މީހަކު އައްޔަންކުރެވެންދެން އެސްޓީއޯ ވަގުތީގޮތުން ހިންގުން އެ ކުންފުނީގެ ސީއެފްއޯ މުހައްމަދު ނިޒާމް އާއި ހަވާލުކުރުމަށްވެސް ޕީސީބީން ވަނީ ނިންމާފައެވެ.

ވަރަށް ފުރިހަމައަށް އެސްޓީއޯގެ ހިންގުން ކުރިއަށް ގެންދަވަނިކޮށް އެ ކުންފުނީގެ އެމްޑީ ކަމުގެ މަގާމުންނާއި ބޯޑު މެމްބަރުކަމުގެ މަގާމުން އަމްރު ވަކިކޮށްފައިވާއިރު އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގެ ދުވަސްވަރުން ފެށިގެން އަމްރުއަކީ ރައީސް ނަޝީދު ފެކްޝަނުގެ ކަންތައްތަކުގައި އަމަލީގޮތުން ހަރަކާތްތެރިވަމުން އަންނަ ބޭފުޅެކެވެ.

އެސްޓީއޯގެ އެމްޑީ ކަމުގެ މަގާމުން އަމްރު ވަކިކުރެއްވި މި ދަނޑިވަޅަކީ އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ރިޔާސީ އިންތިޚާބަށް ނެރޭ ކެންޑިޑޭޓަކަށް ރައީސް ނަޝީދުގެ ޓީމުން ތާއީދުކުރަން ނިންމައި، ގުޅިގެން މަސައްކަތްކޮށް، މެނިފެސްޓޯއެއް އެކުލަވާލުމުގެ މަޝްވަރާތަކުގައި ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އަމްރުއާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު ހުސްވި ހަފްތާ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕާ ބައްދަލުކުރައްވާފައިވާ ދަނޑިވަޅެކެވެ.