ޝަންގްރިލާގެ ހޮޓެލް ޖެން މޯލްޑިވްސްގެ މިއަހަރުގެ ރަމަޟާން މަހު ވެސް ތަފާތު މެނޫއަކާއެކު އިފްތާރު ޕެކޭޖުތައް ތައާރަފްކުރިއިރު، އެ ހޮޓެލުން ރޯދަ ވިއްލައިގެން ދުބާއީއަށް ދިއުމުގެ އަގުހުރި ފުރުސަތު ހުޅުވާލައިފިއެވެ.

ކުރީ އަހަރުތަކެކޭ ވެސް އެއްގޮތަށް މިފަހަރު ވެސް ހޮޓެލް ޖެންގެ އިފްތާރު މެނޫ ބައްޓަންކޮށްފައިވަނީ، ދިވެހިންނަށް ކަމުދާނެ، ދިވެހިންގެ މެދުގައި މަގުބޫލު ކުޒީންތަކެއް ހިމަނައިގެންނެވެ. އެގޮތުން އޭޝިއަން، މިޑްލް އީސްޓާން އަދި މެޑިޓޭރިއަން ގައުމުތަކުގެ ކުޒީންތައް މިފަހަރުގެ ހޮޓެލް ޖެން އިފްތާރު މެނޫގައި ހިމެނެއެވެ.

މީގެއިތުރުން ވަގުތުން ކައްކައި، ތާޒާކޮށްވެސް ބައެއް ކެއުންތައް ލިބެން ހުރެއެވެ. މި މެނޫތަކުގައި ކޮންމެ ދުވަހަކުވެސް ސްޕެޝަލް އެކްޝަން ސްޓޭޝަނަކާއި ޑެޒާޓް ބާއެއްވެސް އިންނާނެއެވެ.

ހަފްތާގެ ކޮންމެ ދުވަހެއްގައި ވެސް ޖެންއިން ރޯދަ ވިއްލުމަށް ބުކް ކުރެވޭއިރު، މެނޫއާއި ބުކިންއާ ގުޅުންހުރި އިތުރު މައުލޫމާތުތައް އެ ހޮޓެލުގެ މީސްމީޑިއާ އެކައުންޓު ތަކުން ވެސް އަދި ހޮޓެލަށް ގުޅާލައިގެން ވެސް ބަލައިލެވޭނެއެވެ.

ހޮޓެލް ޖެންގެ އިފްތާރު ޕެކޭޖުގެ އަގަކީ 590 ރުފިޔާއެވެ. ދިވެހިންގެ މެދުގައި ހައިބަތު ބޮޑު ހޮޓެލެއްގެ ގޮތުގައި ދަރަޖަކުރެވިފައިވާ ހޮޓެލް ޖެންގެ އިފްތާރު މެނޫގެ އަގުތަކަކީ، ރާއްޖޭގެ ބައެއް އާންމު ރެސްޓޯރަންޓު ތަކުން ވެސް އިފްތާރު ޕެކޭޖުތައް ލިބޭ އަގެވެ. މިއީ ގިނަ ބަޔަކަށް ހޮޓެލް ޖެންއިން ރޯދަ ވިއްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެ ހޮޓަލުން ނިންމާފައިވާ ނިންމުމެކެވެ.

"ވީނިއުސް"އާ ވާހަކަދައްކަވަމުން ހޮޓެލް ޖެންގެ އެސިސްޓަންޓް މާކެޓިންގް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު ފާތިމަތު ޒީން މުހައްމަދު ވިދާޅުވީ، ޖެން އިން މިފަހަރު އިފްތާރު ވައުޗަރު ވެސް ތައާރަފުކޮށްފައިވާ ކަމަށެވެ. މިއީ އެހެން ބޭފުޅަކަށް އިފްތާރެއް ހަދިޔާ ކޮށްލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ ގޮތުން ތައާރަފުކުރި ވައުޗަރެއް ކަމަށް ޒީން ވިދާޅުވިއެވެ.

ޒީން އިތުރަށް ވިދާޅުވީ، އިފްތާރަށް އެ ހޮޓެލަށް ވަޑައިގަންނަވާ ފަރާތްތަކަށް ހާއްސަ އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އިފްތާރަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭއިރު، ލަކީ ޑްރޯއިން ދިމާވާ ފަރާތަކަށް ދުބާއީގައި ހުންނަ ޝަންގްރިލާ ހޮޓަލުގައި ދެ ބޭފުޅަކަށް ދެ ރެއާއި ތިން ދުވަސް ހޭދަކުރުމުގެ ފުރުސަތު ލިބޭނެކަން ޒީން ހާމަކުރެއްވިއެވެ.

"ހުރިހާ ބޭފުޅުން ވެސް މިކޮޅަށް ވަޑައިގަންނަވާ މިކޮޅުގަ ހުންނަ ބުފޭ ޓްރައި ކޮށްލައްވާ. އުއްމީދު ކުރަނީ ޖެންގެ އިފްތާރު ބުފޭ އަކީ ހުރިހާ ބޭފުޅުންނަށް ވެސް ކަމުދާނެ މެނޫއެއް ހިމެނޭ ބުފޭއަކަށް ވާނެކަމަށް".
ޖެން މޯލްޑިވްސް ބައި ޝަންގްރިލާގެ އެސިސްޓަންޓް މާކެޓިންގް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު، ފާތިމަތު ޒީން މުހައްމަދު

ފާއިތުވީ އަހަރުތަކުގެ ރަމަޟާން މަސްތަކުގައި ވެސް ޖެންގެ ފަރާތުން ރޯދަ ވިއްލުމާއި، ރޯދަވިއްލައިގެން އަގުހުރި އިނާމުތަކެއް ދީފައިވެއެވެ. މިފަހަރުގެ އިފްތާރު ޕެކޭޖަކީ ފާއިތުވީ އަހަރުތަކުގެ އިފްތާރު ޕެކޭޖުތަކަށްވުރެ އަގުހެޔޮ، ފެންވަރު ރަނގަޅު ޕެކޭޖުތަކެއްކަން ފާހަގަކޮށްލެވެއެވެ.

އިފްތާރު މެނޫގެ އިތުރުން ތަރާވީހަށް ވެސް ހާއްސަ މެނޫތަކަކާއެކު ކެއުން އޮންނާނެކަން ޒީން ހާމަކުރެއްވިއެވެ.

"ތަރާވީސް ޕެކޭޖުތައް ވެސް މިކޮޅުން މިފަހަރު ވެސް ލިބޭނެ. ކުރިން ބުކް ކޮށްލީމަ މިކޮޅުގެ ލައިމް ރެސްޓޯރެންޓް އަދި އަޒުރް ރެސްޓޯރަންޓްގެ ތަރާވީސް އަދި ޑިނަރ ވެސް އެރޭންޖް ކޮށްލެވޭނެ. ތަރާވީސް މެނޫ އަޅުގަނޑުމެންގެ އިންނާނީ މިނިމަމް ފަސް "ޕެކްސް" ޕާ ޕާސަން 394 ރުފިޔާ"
ޖެން މޯލްޑިވްސް ބައި ޝަންގްރިލާގެ އެސިސްޓަންޓް މާކެޓިންގް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު، ފާތިމަތު ޒީން މުހައްމަދު

މިދިޔަ އަހަރު ވެސް ޖެންގެ ފަރާތުން އިފްތާރު ޕެކޭޖެއް ތައާރަފުކޮށްފައިވާއިރު، ރޯދަ ވިއްލައިގެން މިދިޔަ އަހަރު ވެސް ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު ހުޅުވާލިއެވެ. އެގޮތުން މިދިޔަ އަހަރު ދީފައިވަނީ، ޓުރުކީއަށް ދެބޭފުޅަކަށް ރިޓާން ޓިކެޓް، ޓާކީގައި ހުރުމާއި އެއްކޮށެެވެ.