• ކާގަޑިތަކުގައި ކާތަކެތި ރަނގަޅަށް ހަފައިގެން މަޑުމަޑުން ކެއުމުގެ އިރުޝާދު

ބަރަކާތްތެރި ރަމަޟާންމަހު މުޅި ދުވާލު ރޯދައަށް ތިބޭއިރު، ރޯދަ ވީއްލާ ވަގުތުގައާއި، ހާރުކާ ވަގުތު ކެއުމުގެ އާދަތައް ހުންނަންޖެހޭ ގޮތުގެ ވާހަކަ ސިއްހީ މާހިރުން އަބަދުވެސް ދައްކަވަމުން ގެންދަވައެވެ. ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަށާއި، އަދި ކެއުމުގައި ބެލެންސްޑް ޑައިޓަށް ވިސްނުން ބެހެއްޓުމަށް އަބަދުވެސް ނަސޭހަތް ދެއްވައެވެ.

ރަމަޟާން މަހުގައި ކެއުމުގެ އާދަތައް ބަހައްޓަންޖެހޭ ގޮތުގެ އިރުޝާދުތައް، ސިއްހީ ފަރާތްތަކުންނާއި، ކަމުގެ މާހިރުން ދެއްވަމުން ގެންދަވައެވެ. ކެއުމުގައި ހިމެނުން މުހިންމު ބާވަތްތަކާއި، ޑައިޓްގައި ހިމަނަންޖެހޭ މާއްދާތައްވެސް ކިޔައިދެމުން ގެންދަވައެވެ.

ރަމަޟާންމަހު މުޅި ދުވާލު އެއްވެސް އެއްޗެއް ނުކައި ނުބޮއި ތިބެންޖެހޭތީ، ރޭގަނޑުގެ ހާރުނުކައި ދޫކޮށްނުލުމަށްވެސް އިރުޝާދު ދެއްވައެވެ. ރޯދަމަހު ރޯދައަށް ހުރުމަށްޓަކައި ހާރުކެއުމަކީ ދީނުގައިވެސް ވަރަށް ބޮޑަށް ބާރުއަޅާފައިވާ ކަމެކެވެ. ޚާއްސަކޮށް ވީހާވެސް ލަސްކޮށްފައި ހާރުކެއުމަށް އިރުޝާދު ދެއްވާފައި ވެއެވެ.

ހާރުނުކައި ނުވަތަ ހާރު ކެއުމުގެ ބަދަލުގައި ހަމައެކަނި ފެންފޮދެއް ބޯލައިގެން މުޅި ދުވާލު ހުންނަން ޖެހުމުން ދިމާވެދާނެ ސިއްހީ މައްސަލަތަކުގެ ވާހަކަވެސް ސިއްހާ ފަރާތްތަކުން ހާމަކުރެއެވެ. އެގޮތުން، ލޭގައި ހަކުރު ހުންނަ މިންވަރު އަވަހަށް ދަށަށް ދިއުމާއި، އެގޮތަށް މުޅި މަސްދުވަހު އަމަލުކުރާނަމަ ސިއްހީ އެހެން މައްސަލަތައް ދިމާވުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވެއެވެ.

އިފްތާރް ނުވަތަ ރޯދަ ވީއްލާވަގުތު ގިނަ އާއިލާތަކުގެ ކެއުމުގެ ސުފްރާމަތި ވަރަށް މުއްސަންޖެވެ. އެ އާއިލާއެއްގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދޭ އެންމެ މައްޗަކަށް ތަފާތު ކާނާގެ ބާވަތްތައް ހަދާފައި ހުރެއެވެ. ފޮނިކާތަކެތިން ފެށިގެން މަހުގެ ބާވަތްތަކާއި، ގޮދަންފުށުގެ ބާވަތްތަކާއި، ތަފާތު ވައްތަރުގެ ސަލަޑް ހުރެއެވެ. ތަފާތު ބުއިންތައް ހުރެއެވެ.

އެކަމަކު، ރޯދަ ވީއްލާވަގުތު ކެއުމުގައި ވިސްނަންޖެހޭ ވަރަށް ގިނަ ކަންކަން ސިއްހީ މާހިރުން ވިދާޅުވެއެވެ. އެގޮތުން، ހަކުރު ގިނައިން ހުންނަ ބުއިންތަކާއި، އައިސްކްރީމް، ޕިއްޒާ، ކުކީސް، ޑޯނަޓްސް، ފްރެންޗް ފްރައިސް، ޗިޕްސް، ޗޮކޮލޭޓް، ޕެކެޓްކުރި ފްރުޓް ޖޫސްފަދަ ބާވަތްތައް ރޯދަ ވީއްލާވަގުތު ބޭނުންކުރަން ސިއްހީ ފަރާތްތަކުން ހިތްވަރެއް ނުދެއްވައެވެ. އެފަދަ ބާވަތްތައް ބޭނުން ނުކުރަން އިރުޝާދު ދެއްވައެވެ.

ރޯދަ ވީއްލާ ވަގުތުގައާއި، ހާރުކާ ވަގުތުގައި ހަށިގަނޑަށާއި، ސިއްހަތަށް ފައިދާހުރި އަދި ބެލެންސްޑް ޑައިޓް ހިމެނޭގޮތުން ރަނގަޅަށް ކެއުމުގެ އިތުރުން، ރޯދަ ވީއްލުމާއި އަދި ހާރުކެއުމާ ދެމެދު ލުއި ކެއުމެއް ނެގުމަށް ކަމާބެހޭ މާހިރުން ލަފާ ދެއްވައެވެ.

މިހުރިހާ ކެއުންތަކުގައިވެސް، މޭވާއާއި، ތަރުކާރީއާއި، ކިރުގެ ބާވަތްތަކާއި، މަހުގެ ބާވަތްތަކާއި، އަދި ގޮދަނުގެ ބާވަތްތައް ހިމަނަން އިރުޝާދު ދެއްވައެވެ.

ދެންއޮތީ ރޯދަ ވީއްލާ ވަގުތުގައާއި، ހާރުކެއުމުގެ ވަގުތު "ބަނޑުފެޅެންދެން" ކެއުމުގެ އާދަ ދޫކޮށްލުމުގެ ވާހަކައެވެ. ޚާއްސަކޮށް ތެޔޮ ގިނައިން ހުންނަ، ލޮނުގަދަ ޕޭސްޓްރީގެ ބާވަތްތައް ގިނައިން ކެއުމަކީ އޭގެ ނޭދެވޭ އަސަރު ހަށިގަނޑަށްކޮށް، ބަރުދަން އިތުރުވާގޮތް މެދުވެރިވުމެވެ.

އެހެންވެ، ހާރުކެއުމުގައި، މަތީގައި ދެންނެވި ބާވަތްތައްވެސް މަދުމިންވަރަކަށް ހިމެނޭ، ލުއި ކެއުމެއް ނެގުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ. އޭގެތެރޭގައި، ކިރާއި، ޔޯގަޓް، ޗީޒް، ކުކުޅުބިސް، ޕާން، ތަރުކާރީ، މޭވާ، ސޫޕެއް، އޮލިވްއޮއިލް ހިމެނޭ ކެއުމެއް އަދި ސަލަޑެއް ހިމެނުމަށްވެސް އިރުޝާދު ދެއްވައެވެ.

ރޯދަ ވީއްލާވަގުތަކީ އެންމެ ކެތްތެރިވާންޖެހޭ ވަގުތެވެ. ދީނީގޮތުން ބާރުއަޅަނީ ފެންފޮދަކާއި ކަދުރުން ރޯދަ ވީއްލުމަށެވެ. ރޯދަ ވީއްލައިގެން ކެއުމަށް އިންސާފް ކުރާއިރުވެސް ސޫޕާއި ސަލަޑަކުން ފެށުމަށް ކަމުގެ ތަޖުރިބާކާރުން އިރުޝާދު ދެއްވައެވެ. އޭގެފަހުން، ޕާން، ބަތް ނުވަތަ ޕާސްތާ ކަހަލަ ކެއުމުން އިގްތާރު ނިންމާލުން ރަނގަޅުވާނެ ކަމަށް ބުނެއެވެ. ކާއިރުވެސް ކުއްލިއަކަށް ހުރިހާ އެއްޗެއް ނުކައި، ކާތަކެތި ރަނގަޅަށް ހަފަމުން މަޑުމަޑުން ކެއުމަށްވެސް އިރުޝާދު ދެއްވައެވެ.

ކެއުންތައް ކެއްކުމުގައިވެސް ސިއްހީގޮތުން ފައިދާބޮޑު ގޮތްތައް ހުރެއެވެ. މިސާލަކަށް ގްރިލް، ބޮއިލް، ބޭކް އަދި ސްޓީމް މިއީ ކާނާގެ ފައިދާބޮޑު ގޮތްތަކެވެ. އެހެންވެ، ފްރައިޑް، ރޯސްޓެޑް ނުވަތަ ސްމޯކްޑް ކެއުންތަކާ ރޯދަމަހު ދުރުވާން، ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ.

ރޯދަވީއްލުމާއި، ހާރުކެއުމާ ދެމެދު ލުއި ކެއުންތަކެއް ނެގުމަށް، މި ލިއުމުގައި މަތީގައި ބަޔާންވެގެން ހިނގައްޖެއެވެ. ސުވާލަކީ، އެދެމެދުގައި ނަގާނީ ކޮންކަހަލަ ކެއުމެއް ބާއްވައެވެ.

ކަމާބެހޭ ފަރާތްތަކުން ވިދާޅުވަނީ، ހިއްކާފައި ހުންނަ ފުރުޓް، ނަޓްސް، ކިރު ނުވަތަ ޔޯގަޓްގެ ފަދަ އެއްޗެއްގެ އިތުރުން، ކުރު އަޅައިގެން ހަދާފައި ހުންނަ ފޮނި ކާއެއްޗެއް މަދުމިންވަރަކަށް ބޭނުންކުރުން އެންމެ ރަނގަޅުވާނެ ކަމަށެވެ.

ފެނަކީ ހަށިގަނޑަށް ވަރަށް މުހިންމު އެއްޗެކެވެ. ދުވާލު ރޯދައަށް ހުރެފައި، ރޭގަނޑުގެ ވަގުތު ގިނައިން ފެން ބުއިމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެއްވައެވެ. ފެނުގެ އިތުރުންވެސް، ތާޒާ މޭވާ ޖޫހާއި، ތަރުކާރީން ހަދާ ޖޫސްފަދަ، ދިޔާތަކެތި ވީހާވެސް ގިނައިން ބުއިމަށް އިރުޝާދު ދެއްވައެވެ.

މުހިންމު ނުކުތާއެއް: ރޯދަ ވީއްލައިގެން ކެއުންތަކަށްފަހު ކުޑަކޮށް ހިނގާލަން ނުކުމެލުމަކީ ވަރަށް މުހިންމު ކަމެއްގެގޮތުން ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެއްވައެވެ. އެއީ، ކެއުންތައް ހަޖަމްކުރުމަށް އެހީވެދޭނެ ކަމަކަށްވާތީއެވެ.