މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އިންފޮމޭޝަން އޮފިސަރގެ މަގާމަށް މޭޖަރ ހުސައިން ރަޝީދު އައްޔަން ކުރައްވާއިފިއެވެ.

އެމްއެންޑީއެފުން ބުނީ، އެ މަގާމަށް ހުސެއިން ރަޝީދު އައްޔަނު ކުރެއްވީ މިމަހުގެ 26 ވަނަ ދުވަހުގަ ކަމަށެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކީ، ސިފައިންގެއާ ބެހޭ މައުލޫމާތު ރަސްމީކޮށް މީޑިއާތަކަށް ފޯރުކޮށްދޭ ފަރާތެވެ. ސިފައިންގެ މީހަކު އެމީހެއްގެ އަމިއްލަ ފަރުދީ ހައިސިއްޔަތުން އެއްވެސް މީޑިއާއަކަށް މައުލޫމާތު ދިނުމަކީ މަނާކަމެކެވެ. މިފަދަ މައުލޫމާތު، ދެވޭނީ އެކަމަށް ކަނޑައަޅާފައި ހުންނަ އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރަކަށް، ނުވަތަ އެކަމަށް އިންޓަރގްރޭޓެޑް ހެޑްކްއޯޓަރޒްއިން ހުއްދަ ދެއްވާފައިވާ ފަރާތަކަށެވެ.

އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރުގެ މަގާމަށް މޭޖަރ ހުސައިން ރަޝީދު ހަމަޖައްސަވާފައިވަނީ، ކުރިން އެމަގާމުގައި ހުންނެވި ކެޕްޓަން ހަނާ މުހައްމަދު ކޯހެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހަމަޖެހުމާ ގުޅިގެންނެވެ.